ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި ބަދަލާއެކު ރައީސް ވަނީ ކެބިނެޓުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް ކުޑަކުރައްވާފައެވެ.
މި ބަދަލުގެ ދަށުން އަލަށް އައްޔަން ކުރެއްވި ފަސް ވަޒީރުންނާއި، މެންޑޭޓަށް ބަދަލު ގެނެސް އަލުން އައްޔަން ކުރެއްވި ނުވަ ވަޒީރުން ހިމެނޭހެން ޖުމްލަ 14 ބޭފުޅެއްގެ ނަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، ހުރިހާ ވަޒީރުންނަށް ރުހުން ދޭން ނިންމާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ކެބިނެޓަށް އަލަށް އައްޔަން ކުރެއްވި ވަޒީރުންނަކީ، އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދު، ކްލައިމެޓް ޗޭންޖު، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ އަދި ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރު ހަސަން ރަޝީދެވެ.
މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ގިނަ ވަޒީރުންނަށް ރުހުން ލިބިފައިވަނީ 70 އަށްވުރެ ގިނަ ވޯޓުންނެވެ. އެގޮތުން އެންމެ މަތިން 76 ވޯޓާއެކު ރުހުން ލިބިވަޑައިގަތީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދަށެވެ.
މެންޑޭޓަށް ބަދަލު ގެނެސް އަލުން އައްޔަން ކުރެއްވި ވަޒީރުންގެ ތެރޭގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު، ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އަދި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!