''އަދަދު'' ނޫހުގެ ފޭސްބުކް އެކައުންޓުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި، ފުލުހުން މިރޭ އެ ނޫހުގެ އޮފީހަށް ވަދެ ބަލާފާސްކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރަމުން އަންނަކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އަދަދު ނޫހުގެ ފޭސްބުކް ޕޭޖުން ''އައިޝާ''ގެ ނަމުގައި ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެ ޑޮކިއުމެންޓަރީ އަކީ ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކުރުމުން، ރައީސް ވަނީ އޭގައި ހިމެނޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތައް ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. އަދަދު ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގުވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ،" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!