ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އިސްތިއުފާ ދިނުމަށާއި، 7 އޮކްޓޫބަރު 2023 ގައި ހިނގާދިޔަ ހާދިސާތައް ތަހުގީގު ކުރުމަށް ރަސްމީ ކޮމިޝަނެއް އުފެއްދުމަށް ގޮވާލައި އިޒްރޭލުގެ ތެލް އަވީވް އާއި އެހެނިހެން ސިޓީތަކުގައި ބޮޑެތި މުޒާހަރާތަކެއް ހޮނިހިރު ދުވަހު ބާއްވައިފިއެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މުޒާހަރާތަކަކީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ހާމަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކެކެވެ.
ތެލް އަވީވް ހަބީމާ މައިދާނަކީ މި މުޒާހަރާތަކުގެ މައި މަރުކަޒެވެ. ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފުލުހުންގެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އެތައް ހާސް ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ގާޒާގައި ރަހީނުކޮށްފައި ތިބި މީހުންގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މީގެ އިތުރުން، 7 އޮކްޓޫބަރުގެ ހަމަލާއަށް މަގުފަހިވި އިހުމާލުތައް ތަހުގީގު ކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން، ޝަރުއީ ދާއިރާގެ މިނިވަންކަން ހިމާޔަތް ކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. ގުދުސްގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާ ކުރިއިރު، ހައިފާގެ ހޮރެވް ސެންޓަރު ކައިރިއަށް ގާތްގަނޑަކަށް 1،000 އެއްހާ މީހުން އެއްވެފައިވެއެވެ.
މި މުޒާހަރާތައް އިންތިޒާމުކޮށްފައިވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ 'މޫވްމަންޓް ފޯ ކޮލިޓީ ގަވަމަންޓް' އާއި މަދަނީ މުޖުތަމައުގެ އެހެނިހެން ޖަމިއްޔާތައް ގުޅިގެންނެވެ. ނަމަވެސް، ނަތަންޔާހޫ މިހާތަނަށް ވަނީ 7 އޮކްޓޫބަރުގެ ހަމަލާއާ ގުޅޭގޮތުން ދައުލަތުގެ ތަހުގީގީ ކޮމިޝަނެއް އުފެއްދުމަށް އިންކާރު ކޮށްފައެވެ. އޭނާ ބުނެފައި ވަނީ އެފަދަ ކޮމިޝަނަކުން އޭނާއާ މެދު ތައައްސުބީ ގޮތަކަށް އަމަލުކުރާނެ ކަމަށެވެ.
މި މުޒާހަރާތައް ކުރިއަށްދާއިރު، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) ވަނީ 2024 ނޮވެމްބަރު މަހު ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. އެއީ ގާޒާގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅިގެންނެވެ. މީގެ އިތުރުން، ގާޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާކަމުގެ ތުހުމަތުގައި ބައިނަލްއަގުވާމީ އަދުލު އިންސާފުގެ ކޯޓުގައި (އައިސީޖޭ) ވެސް އިޒްރޭލާ ދެކޮޅަށް މައްސަލައެއް ދަނީ ހިނގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!