މެދުއިރުމަތީގައި ތިބި އެމެރިކާގެ ބައިވެރިންނަކީ ނޭޓޯގެ މެންބަރުންނަށްވުރެ މާ ފުރިހަމަ ބައިވެރިންތަކެއްގެ ގޮތުގައި ސިފަކޮށް އެ ގައުމުތަކަށް ވަރަށް ބޮޑަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފު ކޮށްފިއެވެ.

''ސީއެންބީސީ''އަށް ޓްރަމްޕް ދީފައުވާ ބަސްދީގަތުމެއްގައި ބުނެފައި ވަނީ، މެދުއިރުމަތީގެ ގައުމުތަކަކީ ނޭޓޯއަށްވުރެ މާ ރަނގަޅު ބައިވެރިން ކަމަށެވެ.

Ad
rt

ޚާއްޞަގޮތެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަކީ "ރަނގަޅު ބައިވެރިއެއް" ކަމަށް ފާހަގަކުރަމުން، އެ ގައުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވިސްނަމުންދާ ކަމަށް ޓްރަމްޕް ބުނެފަވެއެވެ.

"އެ ގައުމުތަކަށް އިރުޝާދު ދެނީ ހައިރާންކުރުވަނިވި ލީޑަރުން.. އަހަރެން ހައިރާންވޭ، ސަބަބަކީ އެއީ ވަރަށް މުއްސަނދި ބައެއް،" ޓީއާރްޓީ ވޯލްޑްއާ ހަވާލާދީ އޭނާ ބުނެފަވެެއެވެ.

ޓްރަމްޕް އިތުރަށް ބުނީ، ޔޫއޭއީއަށް އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އެމެރިކާއިން އެ ގައުމުގެ ދިފާއުގައި ތިބޭނެ ކަމަށެވެ. ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ޔޫއޭއީގެ ހާލަތު ގޯސްވެއްޖެ ނަމަ، އެމެރިކާގެ މާލީ އެހީތެރިކަން ހޯދުމާ ބެހޭގޮތުން ޔޫއޭއީގެ މަންދޫބުން ވަނީ ވޮޝިންޓަންގެ އޮފިޝަލުންނާ އެކު މަޝްވަރާކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ވައިޓް ހައުސްގެ ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ކެވިން ހެސެޓް ހޯމަ ދުވަހު ބުނެފައިވަނީ، އެ ގައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، މިވަގުތުގެ ހާލަތަށް ބަލާއިރު އެފަދަ ފިޔަވަޅެއް އަޅަންޖެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް އޭނާ ބުނެފަވެއެވެ.

ޓްރަމްޕް މެދުއިރުމަތީގެ ''ބައިވެރިން''ގެ ގޮތުގައި ސިފަކޮށްފައި އެވަނީ އީރާނާއި ދެކޮޅު ހަނގުރާމައާއި، އަދި އެނޫންވެސް އެ ސަރަހައްދުގައި އެމެރިކާ އިން ހާސިލްކުރަން ބޭނުންވާ މަގުސަދުތައް ހާސިލްކުރުމަށް ވާގިވެރިވާ އެ ސަރަހައްދުގެ ގައުމުތަކަށެވެ. އެ ގައުމުތަކުގެ ތެރޭގައި ޔޫއޭއީގެ އިތުރުން ސައޫދީއަރަބިއްޔާ، އޮމާން، ކުވެއިތު، ބަހްރައިން، އީރާން، އިރާގު އަދި ގަތަރު ހިމެނެއެވެ. މި ގައުމުތަކުގައި އެމެރިކާގެ އަސްކަރީ ބޭސްތައް ހަދައި ސިފައިންނާއި ވަނީ ބައިތިއްބާފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ ހަނގުރާމައިގައި ބައިވެރިވުމަށް ނޭޓޯގެ ބައިވެރިން އިންކާރު ކުރުމާ ގުޅިގެން، ނޭޓޯއިން އެމެރިކާ ވަކިވުމާ މެދު ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން ބުނެފައެވެ. ޚާއްޞަކޮށް ހޯރްމުޒް ކަނޑުއޮޅިއަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވުމަށް އޭނާ ކުރި އިލްތިމާސް ޔޫރަޕްގެ ގައުމުތަކުން ބޭރުކޮށްލުމަކީ ޓްރަމްޕްގެ ނުރުހުން އަމާޒުވި ކަމެކެވެ.

މި މައްސަލަތަކާ ގުޅިގެން ޓްރަމްޕް ބުނީ، ޔޫރަޕަކީ ދިފާއީ ކަންކަމުގައި އިތުބާރު ހިފޭ ބައިވެރިއެއްގެ ގޮތުގައި ދެން ނުދެކޭނެ ކަމަށެވެ. މިއީ މެދުއިރުމަތީގެ ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަކޮށް، ޒަމާންވީ ޔޫރަޕްގެ އިއްތިހާދުތަކާ މެދު އެމެރިކާގެ ސިޔާސަތު ބަދަލުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އީރާނާއި ދެކޮޅު ހަނގުރާމާގައި އެމެރިކާގެ އެދުންތަަކަށް ސްޕޭން، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، އިޓަލީ ވިލާތް އަދި ސްވިޒަރލޭންޑް ފަދަ ޔޫރަޕްގެ ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ. އިނގިރޭސިވިލާތުން ދެ އަސްކަރީ ބޭހެއް އެމެރިކާއިން ބޭނުންކުރަން ހުއްދަދިން ނަމަވެސް ސީދާ ހަނގުރާމާގައި އެހީވުމަށް ވަނީ ދެކޮޅު ހަދާފައެވެ. ދެން ހުރި ގައުމުތަކުން އަސްކަރީ ބޭސް ބޭނުންކުރަން ހުއްދަ ދީފައިނުވާއިރު، ސްވިޒަރލެންޑުންނާއި ސްޕެއިނުން ވަނީ ވައިގެ ސަރަހައްދުވެސް އެމެރިކާ އަށް ނުދީފައެވެ.