މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާއެއް، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 20 ވާ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން އެ ހާދިސާއާ ގުޅޭ ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފަވެއެވެ.
އެހެންވެ، ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، މިފަދަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ސައްހަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ނުފެތުރުމަށާއި، މިފަދަ ކަންކަމުގައި ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ފެނުނީ ގދ. ތިނަދޫ, ދެނޫނު އުމުރުން 18 އަހަރުގެ މަރަޔަމް ހާސިދާ ކިޔާ މީހެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާ ދިރިއުޅެމުން އައީ ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!