މާލޭގައި ޚިޔާލުފާޅުކުރުމަށް ފަސް ސަރަޙައްދެއް ކަނޑައަޅާފައިވާ ކަމަށާއި، އެ ތަންތަނުގައި 24 ގަޑިއިރު އެ ފުރުޞަތު އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސް ވެރިޔާގެ ސުވާލު: ''އިދިކޮޅު އެކި ފަރާތްތަކުން ރައްޔިތުންގެ ޙައްޤުގައި ކަމަށް ބުނެ، މާލެ ތެރޭގައި ހަމަޖެހުން ނަގާލައި، ބޭއަދަބީ އެތައް މަންޒަރާއި، އަޑުތައް ބްރޯޑްކާސްޓްކޮށް، ދަތުރުފަތުރަށްވެސް ދަތިވާނެ ގޮތަށް، ވަރަށް ދަތިވާނެ ގޮތަށް ޢަމަލުތައް ހިންގަމުން އެބަދޭ. ދެން، މިހާރު މިކަމާ ގުޅިގެން، ކަމާބެހޭ އިދާރާތަކުން މިކަމަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ވިސްނަވަންތޯ؟ ކުޑަކުދިންނާއި، ކިޔަވާކުދިން ގިނަ ސަރަޙައްދުތަކުގައި ވަކިން ޚާއްޞަކޮށް، މި ބޭފުޅުން މިގޮތަށް ޢަމަލުކުރަމުން ގެންދަވާތީ.''
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ ޤާނޫނާއި ގަވާއިދުގެ ތެރެއިން ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މަގުމަތީގައި މުޒާހަރާކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރައްވައި، ޑިމޮކްރެޓިކް ޙައްޤުތަކުގެ ބޭނުން ހިފަންވާނީ އެހެން މީހުންނަށް އުނދަގޫނުވާނެ ގޮތެއްގެ މަތިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''ޙަޤީޤަތުގައި ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރަންވާނީ. މަގުމަތީގައި މުޒާހަރާކޮށް ހެދީމާ، ވަރަށް ގިނަ ރައްޔިތުންނަށް އެބަ އުނދަގޫވޭ. ރަނގަޅު ވާހަކަފުޅެއް ތިޔަ ވިދާޅުވީ. ވިޔަފާރިތަކަށްވެސް ވަރަށް އުނދަގޫވޭ. ދެން، އެ ހުރިހާ ކަމަކަށް ވިސްނައިގެން، ކޮންމެ މީހެއްގެވެސް އޮންނަ ޑިމޮކްރެޓިކް ރައިޓްގެ ބޭނުން ހިފުން ރަނގަޅުވާނެ.'' ރައީސް ވިދާޅުވެފަވެއެވެ.
ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމަށްޓަކައި މާލޭގެ ފަސް ސަރަޙައްދެއް މިހާރު ކަނޑައަޅާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެ ތަންތަނުގައި 24 ގަޑިއިރުވެސް ޚިޔާލުފާޅުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. ނަމަވެސް، މިފަދަ ކަންކަމުގައި ބޭނުންކުރާ ބަހުރުވަޔާއި ޢަމަލުތައް ހުންނަންވާނީ އިސްލާމީ އުޞޫލުތަކާއި، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ ފަދަ ގޮތަކަށް ކަމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
''ދެން، ވަކިތަނަކަށް އެއްވެ ޚިޔާލުފާޅުކުރުމަށް އެއްވެސް ހުރަހެއް ނެތް. ފަސްވަރަކަށް ސަރަޙައްދު މިހާރު މާލޭގައި އޮންނާނީ. ކުރީގައި އޮންނާނީ، ކާނިވާ ސަރަޙައްދު އެކަނި. މިހާރު އޭގެ އިތުރަށް، އިތުރު ތަންތަން އެވަނީ މި ސަރުކާރުން އިތުރުވެސްކޮށްފައި. އެ ތަންތަނަށް އެއްވެ، ކިތަންމެ ވަރަކަށްވެސް ހަމަ ތިއްބެވޭނެ. ރޭގަނޑުވެސް، ދުވާލުވެސް، ހަމަ 24 ގަޑިއިރުވެސް ތިއްބެވިދާނެ. ދެން، ކޮންމެގޮތެއްވިޔަސް، ކޮންމެ ތަނެއްގައި ވާހަކަދެއްކިޔަސް، ޤާނޫނުތަކާއި، ޤާނޫނުއަސާސީއާއި، އިސްލާމީ ޙުދޫދުތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ޢަމަލުތަކާއި، އަޅުގަނޑުމެން ގެ ބަހުރުވަ ހުންނަންޖެހޭނީ. އެކަކު އަނެކަކަށް ކުރަންޖެހޭ ރެސްޕެކްޓް ކުރަންޖެހޭނެ. އަޅުގަނޑު ހިތުން އެއީ ކަންނޭނގެ ރައްޔިތުން ބޭނުންވާ ގޮތަކީ.'' ރައީސް ވިދާޅުވެފަވެއެވެ.
މުޒާހަރާތަކުގައި ފިޔަވަޅު އެޅުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސަރުކާރުން ވީހާވެސް ބޮޑަށް ފުރުޞަތު ދީގެން ކަންކަން ކުރިއަށްގެންދާ ކަމަށެވެ. އެހެންނަމަވެސް، "ފުލުހުންނަށް އަނިޔާކުރުމާއި ބެރިކޭޑްތައް ފަޅާލުން ފަދަ ކަންކަމަކީ ކެތްކުރެވޭނެ ކަންކަން ނޫން" ކަމަށާއި، މުއައްސަސާތަކުގެ އަގު ހިފެހެއްޓުމަށްޓަކައި އެފަދަ ޙާލަތްތަކުގައި ފިޔަވަޅު އަޅަންޖެހޭނެކަން ފާހަގަކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް މީހަކު ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ނުވާނެކަމަށާއި، ޖަލުގައި އެއްވެސް ސިޔާސީ ލީޑަރަކު ނުހުންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ކުރީގެ ދައުރުތަކުގައި ސިޔާސީ ވެރިންނާއި އެބޭފުޅުންގެ އާއިލާތައް ޖަލަށްލީ ޒަމާން ނިމުމަކަށް ގެނެސް، ސިޔާސީ ބަދަލުހިފުމުގެ ސައިކަލް ހުއްޓުވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުހެ ޖަވާބުގައި ވިދާޅުވީ، ސިޔާސީ ފަރާތްތަކުން މިހާރު ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާ ގޮތާމެދު ގޮތް ނިންމާނީ ރައްޔިތުންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!