ސަރުކާރުގެ މަތީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ތައުލީމީ ފެންވަރަށް ބެއްލެވުމަށް ނިންމަވައި، ސްޓޭޓް މިނިސްޓަރުންގެ ފެންވަރަކީ މާސްޓަރސް ޑިގްރީ ކަމަށާއި، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރަކީ ފުރަތަމަ ޑިގްރީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވުޒާރާތަކަށް ސިޔާސީ މީހުން އައްޔަންކުރުމުގައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚުތިޔާރު ތަންފީޒުކުރެއްވުމުގައި، ކުރިއަށް އޮތް ތަނުގައި ތައުލީމީ ފެންވަރަށާއި ތަޖުރިބާއަށް ވަރަށް ބޮޑަށް ބައްލަވާނެ ކަމަށެވެ.

Ad
rt

އެގޮތުން، ކޮންމެހެން މީހަކު އައްޔަންކުރަން ޖެހިވަޑައިގަންނަވާ ހާލަތެއްގައި ވެސް، ސްޓޭޓް މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން މާސްޓަރސް ފެންވަރުގެ، އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅުން ކަމުގައި ހެއްދެވުމަށް ޚާއްސަ މިންގަނޑުތަކެއް ގެންގުޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަވަން ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން މި މަހު ނެގި ފެންނަ ނުފެންނަ ވޯޓަށް އިޝާރާތް ކުރައްވާފައެވެ. އެ ވޯޓުގެ ނަތީޖާއިން އެނގިގެންދިޔައީ ރައްޔިތުން އެދެނީ ސަރުކާރުގެ ސައިޒާއި ޚަރަދުތައް ކުޑަކޮށް، މެރިޓަށް ނުވަތަ ގާބިލިއްޔަތަށް އިސްކަންދިނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން އައްޔަންކުރެވޭ މަގާމުތައް މީގެ ފަހުން ހުރެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ އިސްލާހީ މި ފިޔަވަޅުތަކަކީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅުއްވާ މުހިންމު ފިޔަވަޅުތަކެއްކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.