މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގައި ހިންގާފައިވާ ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑުބައެއް ފުލުހުން ރިކަވާކޮށްދީފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 12 އިން 18 އަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 43 އިންސައްތަ ވަނީ އަނބުރާ ހޯދައިދީފައެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި މި މުއްދަތުގެ ތެރޭގައި ޖުމުލަ 41 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމުލަ 496,383.50 ރުފިޔާ ގެއްލިފައިވާ އިރު، އޭގެ ތެރެއިން 211,684.50 ރުފިޔާ ވަނީ ރިކަވާކުރެވިފައެވެ. މިއީ ސްކޭމްގެ މައްސަލަތަކުގައި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެންމެ ގިނައީ އީ-ކޮމާސް ސްކޭމްތައް

ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ 21 މައްސަލައެއް މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، އެހެން މީހެއްގެ ސިފަޖެހިގެން ނުވަތަ އިމްޕާސަނޭޝަން ސްކޭމްގެ 9 މައްސަލައަކާއި، ކަރަންސީ އެކްސްޗޭންޖް ސްކޭމްގެ 3 މައްސަލައެއް ހިމެނެއެވެ. އަދި ފިޝިން، ވިޝިން އަދި ވަޒީފާގެ ސްކޭމްގެ މައްސަލައެއްގެ އިތުރުން އެހެނިހެން ބާވަތުގެ 8 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

މި ސްކޭމްތައް ހިންގުމަށް އެކި ވަސީލަތްތައް ބޭނުންކޮށްފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ވައިބާ، ވަޓްސްއެޕް އަދި މެސެންޖާ ފަދަ މެސެޖިން ޕްލެޓްފޯމްތަކާއި، އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް ފަދަ ސައިޓްތައް ހިމެނެއެވެ. އަދި ފޯން ކޯލްތަކާއި ނުދަންނަ ލިންކުތައް މެދުވެރިކޮށް ވެސް މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާކަމަށް ފުލުހުން ބުނެއެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ވިޔަފާރިކުރާ އިރު ތަކެތި ލިބުމުގެ ކުރިން ފައިސާ ނުދެއްކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭންކު ނުވަތަ ސަރުކާރުގެ އިދާރާއަކުން ކަމަށް ބުނެ ގުޅި ނަމަވެސް، އޯ.ޓީ.ޕީ (OTP) އަދި ޕިން ނަންބަރު ފަދަ ސިއްރު މައުލޫމާތު ހިއްސާނުކުރުމަށާއި، ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ފުލުހުން އިތުރަށް ބުނީ، ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެ ނަމަ ނުވަތަ ޝައްކު ކުރެވިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެކަން ރިޕޯޓު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަވަހަށް މައްސަލަ ރިޕޯޓު ކުރުމަކީ ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.