މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ގޮނޑިތައް ބެހިގެން ދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

އީސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ.

Ad
rt

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އިންތިޚާބުވި ޖުމްލަ 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަކީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންނެވެ. ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެ ޕާޓީއަށް 563 ގޮނޑި ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި 169 ކެންޑިޑޭޓަކު ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.

ޕާޓީތަކަށް ގޮނޑިތައް ބެހިފައިވާ ގޮތް

ޕީއެންސީން ކާމިޔާބުކުރި ގޮނޑިތަކުގެ ތެރޭގައި ރަށު ކައުންސިލްގެ 75 ރައީސުންނާއި، އަންހެނުންނަށް ޚާއްސަ 101 ގޮނޑީގެ އިތުރުން ރަށު އ.ތ.މ.ކ ގެ 216 މެންބަރުން ހިމެނެއެވެ. އެމްޑީޕީން ވަނީ 5 މޭޔަރުންގެ ގޮނޑިއާއި، ސިޓީ ކައުންސިލްތަކުގެ 41 ގޮނޑި އަދި ރަށު ކައުންސިލް ރައީސުންގެ 73 ގޮނޑި ކާމިޔާބުކޮށްފައެވެ.

އެހެން ޕާޓީތަކަށް ބަލާއިރު، އެމްޑީއޭ އިން 23 ގޮނޑި، އަދާލަތު ޕާޓީން 6 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި އަދި ދަ ޑިމޮކްރެޓްސް އިން 2 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން ވަނީ ރަށު ކައުންސިލް ރައީސްކަމުގެ 24 ގޮނޑިއާއި އ.ތ.މ.ކ ތަކުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.

މި އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިހާރު ވަނީ ނިންމާފައެވެ.