މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މައްސަލައާ ގުޅިގެން 2026 އޭޕްރީލް 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، ޖަޒީލު މުޙައްމަދު (47އ) އެވެ. މިއީ މި ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާއެވެ.
މި މައްސަލައާ ގުޅިގެން ޖަޒީލު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި ބޮޑު ވައްކަމުގެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 މާރިޗު 16 ވަނަ ދުވަހުގެ އިރުއޮއްސި 17:49 އެހައިކަންހާއިރުއެވެ.
މި ވައްކަމުގައި އެ އެޕާޓްމަންޓުން ޖުމުލަ 4,000,000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނަމަވެސް، ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާގެ ތެރެއިން މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އެންމެ 50,000 (ފަންސާސް ހާސް) ދިވެހި ރުފިޔާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ކުރިން ހައްޔަރުކުރި ހަތަރު މީހުންނަކީ:
- މުޙައްމަދު ނޫރު އަޙްމަދު (40އ)، ކަސްތޫރިމާގެ / ޅ. ނައިފަރު
- މުޙައްމަދު އަފްރާޙް (40އ)، މޫންލައިޓްވިލާ / ސ. މީދޫ
- އިސްމާޢީލް ޢާޞިފް (36އ)، ދާރުލް އައްވަލް / ރ. މަޑުއްވަރި
- އަޙްމަދު ފާރިސް (39އ)، މ. އޭސިއާ / މާލެ
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، ބާކީ ފައިސާ ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!