ކުރީގެ ސަރުކާރުން 524 މިލިޔަން ޑޮލަރުގެ ސްކޫކް ނެގުމަށް ރަހުނުކުރި ދައުލަތުގެ މުހިންމު ހަތަރު ބިމެއް މި ސަރުކާރުން މިހާރު ސަލާމަތްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަހުނުން ސަލާމަތްކުރި ތަންތަނުގެ ތަފްސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް، އިސްކަންދަރު ސްކޫލް، އައިޖީއެމްއެޗް އަދި ފިނޭންސް މިނިސްޓްރީ ހިމެނޭ ބިންތައް ހިމެނޭ ކަމަށެވެ. މި ބިންތަކަކީ ކުރީ ސަރުކާރުން ބޮޑު ދަރަންޏެއް ނެގުމަށްޓަކައި ރަހުނުކޮށްފައިވާ ދައުލަތުގެ އެންމެ މުހިންމު ބައެއް ހަރުމުދަލެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސްކޫކް ދައްކާފައިވަނީ ޤައުމުގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި އަދި އިތުރު ދަރަންޏެއް ނުނަގައި ސަރުކާރުގެ އަމިއްލަ ހަކަތައިގައެވެ.
"މިކަމުގެ ލިޔެކިޔުންތައް މަރުކަޒީ ބޭންކާއި މާލީ ވުޒާރާގައި ހުންނާނެ،" ރައީސް ވިދާޅުވިއެވެ.
މި ސްކޫކް ދައްކައި މުޅިން ޚަލާސްކޮށްފައިވަނީ މި ހިނގާ މަހުގެ 2 ވަނަ ދުވަހުގައެވެ.
މީގެ އިތުރުން، މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ދަރަނިތަކެއް ދައްކާފައިވާ ކަމަށާއި، އަދިވެސް ރަހުނުކޮށްފައި ހުރި އިތުރު ތަންތަން ސަލާމަތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ރަށްރަށުގެ ތަރައްޤީއަށް 4 ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
2021 ވަނަ އަހަރު ދޫކުރި މި 500 މިލިޔަން ޑޮލަރުގެ ސްކޫކަކީ އޭގެ ކުރީގެ ސަރުކާރުގެ 'ސަނީ ސައިޑް' ބޮންޑު ދެއްކުމަށް ނެގި އެއްޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!