ސަރުކާރުގެ ކެބިނެޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާވެ، ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓަށް ގެންނެވި ބަދަލަކީ ނިމިދިޔަ އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ދިން މެސެޖު އަޑުއައްސަވައި، ސަރުކާރުގެ އޮނިގަނޑު ހަރުދަނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ރައްޔިތުން ބޭނުންވާ ކަންތައްތަކުގައި އަމަލީ ކުލަ ޖެހިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ވަޒީރުންގެ އިސްތިއުފާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ދިހަ ވަޒީރަކު އިސްތިއުފާ ދެއްވީ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތަކަށް މަގުފަހިކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ. މިއީ ރައްޔިތުންގެ އަޑުއަހައި، ކަންކަން އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަންގަވާފައިވާ ވަރުގަދަ އަދި ކެރޭ ނިންމެވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ނިންމެވުންތަކެއްވެސް ބިނާވެފައިވަނީ ގާނޫނުއަސާސީއަށް އިހުތިރާމްކުރުމާއި ދެފުށް ފެންނަ އުސޫލުތަކުގެ މައްޗަށް ކަމަށް މުންދު ވިދާޅުވިއެވެ.
މި ބަދަލާއެކު ސަރުކާރުގެ މަސައްކަތްތައް އައު ޖޯޝެއްގައި ކުރިއަށްދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 20 އިން 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް އޭޕްރިލް 14 ވަނަ ދުވަހު ބަދަލުގެންނަވާފައެވެ. އަދި ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމުގެ މަގުސަދުގައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!