ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ވަޒީރު ޢައްޔަންކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި އަޙްމަދު ޝިޔާމަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް އިއްޔެ ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތަކާ އެކު، ރޭގެ ވަގުތެއްގައި ވަޒީރުންގެ މަޖިލީހަށް 12 ވަޒީރުން އައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ޚާއްސަ ރަސްމިއްޔާތެއްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަނީ ބާއްވަވާފައެވެ.
ރޭ ބޭއްވުނު ރަސްމިއްޔާތުގައި މަޤާމުގެ ފަތްކޮޅު އެރުވުނު ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާން، އަދި ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، އިޤްތިޞާދީ ދާއިރާގެ އިތުރުން ފަތުރުވެރިކަމާއި، ކުޅިވަރާއި، ސަގާފަތާއި، އިންފްރާސްޓްރަކްޗަރ އަދި ތިމާވެށީގެ ދާއިރާގެ ވަޒީރުންވެސް ވަނީ ޢައްޔަންކުރައްވާފައެވެ.
ރޭ ޢައްޔަންކުރެއްވި ވަޒީރުންނަށް ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ. މި ބޭފުޅުންވެސް ވަނީ ހުވައި ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
މިއަދު ޢައްޔަންކުރެއްވި ވަޒީރާއެކު، ވަޒީރުންގެ މަޖިލީހުގައި ދެން ހިމެނިވަޑައިގަންނަވާނީ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއާއި އިތުރު ދެ ވުޒާރާއެއްގެ ވަޒީރުން ހިމެނޭހެން ޖުމުލަ 15 ބޭފުޅުންނެވެ. މި ބަދަލަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!