އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް އިތުރުވަމުންދާތީ، އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވެއްޖެއެވެ.
އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލާފައިވާކަން ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާއި ޑިޕްލޮމެޓިކް މަސްދަރުތަކުން އަންގާރަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމުގެ ދަށުން އަސްކަރީ ސާމާނާއި ޓެކްނޮލޮޖީގެ ދިރާސާތައް ބަދަލުކުރުން ހިމެނެއެވެ.
އިޓަލީގެ ނޫސް އެޖެންސީތައް ކަމަށްވާ އަންސާ އާއި އޭޖީއައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވެރޯނާގައި ބޭއްވި ހަރަކާތެއްގެ ތެރެއިން މެލޯނީ ވަނީ އެކަން ޢިއުލާން ކުރަށްވާފައެވެ.
"މިހާރު އޮތް ހާލަތަށް ބަލައި، އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން އަމިއްލައަށް އާވުން މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައިވާ" އޭނާ ވިދާޅުވެފަވެއެވެ.
އިޓަލީގެ ޑިޕްލޮމެޓިކް މަސްދަރަކުން އޭއެފްޕީ އަށް މިކަން ކަށަވަރުކޮށްދެމުން ބުނީ، އެ އެއްބަސްވުން ކުރިއަށް ގެންދިއުމަކީ ސިޔާސީ ގޮތުން ދަތި ކަމަކަށް ވާނެ ކަމަށެވެ.
2006 ވަނަ އަހަރު އިސްރާއީލުން ތަސްދީގުކުރި މި އެއްބަސްވުމަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު މުރާޖައާކުރާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ދިފާއީ ސިނާއަތްތަކާއި، އަސްކަރީ މުވައްޒަފުން ތަމްރީނުކުރުމާއި، ދިރާސާކުރުމާއި ތަރައްގީކުރުން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވެއެވެ.
ލުބުނާނުގައި ތިބި އިޓަލީގެ އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ގާފިލާއަކަށް އިސްރާއީލު ސިފައިން އިންޒާރުގެ ހަމަލާތަކެއް ދީފައިވާ ކަމަށް އިޓަލީ ސަރުކާރުން ތުހުމަތު ކުރުމާ ގުޅިގެން، ވޭތުވެދިޔަ ހަފުތާގައި ދެ ގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، މަދުވެގެން އެއް އުޅަނދަށް ވަނީ ގެއްލުން ލިބިފައެވެ. މިކަމާ ގުޅިގެން އިޓަލީން ވަނީ އިސްރާއީލުގެ ސަފީރު ހާޒިރުކޮށް އިހުތިޖާޖުކޮށްފައެވެ.
އިސްރާއީލު ސިފައިން ލުބުނާނުގެ އާންމުންނަށް ދެމުންދާ "ބަލައިނުގަނެވޭ ހަމަލާތައް" ކުށްވެރިކޮށް އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ދެއްކެވި ވާހަކަތަކާ ގުޅިގެން، ހޯމަ ދުވަހު އިސްރާއީލުން ވަނީ އިޓަލީގެ ސަފީރު ހާޒިރުކޮށްފައެވެ.
އިޓަލީގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމުވެސް ފުރުއްވާ ތަޖާނީ ހޯމަ ދުވަހު ބައިރޫތަށް ވަޑައިގެން ލުބުނާނުގެ ރައީސް ޖޯސެފް އައުން އާއި ފޮރިން މިނިސްޓަރު ޔޫސުފް ރައްޖީއާ ބައްދަލުކުރެއްވިއެވެ.
އޭނާ ފަހުން އެކްސް ގައި ލިޔުއްވި ގޮތުގައި، އޭނާ އެގައުމަށް ވަޑައިގަތީ "އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ބަލައިނުގަނެވޭ ހަމަލާތަކާ ގުޅިގެން އިޓަލީގެ ހަމްދަރުދީ ފާޅުކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!