ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ނިންމަވައި އެކަން ރަސްމީކޮށް އިއުލާން ކުރައްވައިފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އޭޕްރިލް 2025 ގައި ކުރި ހުކުމާ ގުޅިގެންނެވެ. މި ހުކުމާ އެކު އެ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.

Ad
rt

ސިނާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި، އޭނާ ވާދަކުރަށްވާނެ ކަމަށެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީ.އެން.ސީ އަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިޚްލާސްތެރި އެއްބާރުލުމަށް ސިނާން ވަނީ އެދިވަޑައިގެންފައެވެ.

ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، އޭނާ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ނުދެއްކާކަމަށް ބުނެ ޣާލިބް ސަލީމް ކިޔާ މީހަކު ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުއެވެ. އެ މައްސަލައިގެ ހުކުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވެފައި ވަނީ، ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމުމަށް ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ސިނާން އަމަލުކޮށްފައި ނުވާކަން ސާބިތުވާ ކަމަށެވެ. ހުކުމް ކުރިކަން ނޭނގޭ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން ދުރާލާ އަންގާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތް ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މި ގޮނޑި ހުސްވުމާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަން މިހާތަނަށް ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ އަބްދުﷲ ސޯދިގު (ސޯބެ) އާއި، އަހުމަދު ސައީދު (ނަޔާ) އަދި މުހައްމަދު އަލީއެވެ. ނަމަވެސް ސައީދާއި މުހައްމަދު އަލީ ވާދަކުރައްވާނެ ޕާޓީއެއް ނުވަތަ ހައިސިއްޔަތެއް އަދި ހާމައެއްނުކުރެއެވެ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު އެވެ.