ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހެޅުއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމުގައި ހެޔޮ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ވަޒީރުންގެ އިސްތިއުފާ އާއި ގުޅިގެން ރައީސް އޮފީހުން ބުނީ، 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ޤަބޫލުފުޅުކުރައްވާފައި ކަމަށެވެ. އަދި އެ ވަޒީރުން އިސްތިއުފާ ހުށަހެޅުއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިސްތިއުފާ ދެއްވި ވަޒީރުން
މިއަދު މަޤާމުން އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން، ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް، އަދި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް އެވެ.
މީގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް، ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ އާދަމް ނަޞީރު އިބްރާހީމް، އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރ ޑޮކްޓަރ މަރްޔަމް މާރިޔާ، އަދި ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރ އިބްރާހީމް ވަޙީދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
އަދި ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އާއި ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވެސް ވަނީ މިއަދު މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބަދަލަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ އިޞްލާޙީ ބަދަލުތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.
މިއަދު އިސްތިޢުފާދެއްވި ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!