ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ރޭ ހުޅުވާލައިފިއެވެ.

މި ދާއިރާގެ ޕާޓީ ޓިކެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

ޕީއެންސީން ބުނި ގޮތުގައި، ޓިކެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަ ފަރާތްތަކެއް ތިބިނަމަ، ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވާނީ ބާއްވާ އެތެރޭގެ ޕްރައިމަރީއަކުންނެވެ. މި ޕްރައިމަރީގައި ވާދަކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޤާނޫނީ ގޮތުން ޝަރުތު ހަމަވާ، އަދި ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހަޅަންޖެހޭނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ. ހުށަހަޅާއިރު ކުށާއި ދަރަނީގެ ރެކޯޑު ފަދަ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ.

ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 13 އޭޕްރިލް 2026 ގެ ކުރިން ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެންބަރުންގެ ލިސްޓު 20 އޭޕްރިލް 2026 ގައި ޕާޓީގެ ވެބްސައިޓުގައި އާންމުކުރުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 6 ވާ ހޮނިހިރު ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަށް ހުޅުވާލީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އޭޕްރިލް 2025 ގައި ހުކުމް ކުރުމާއި ގުޅިގެންނެވެ.