ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީއަށް މިހާރުވެސް 13 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ 12 ރަށަކުން 15 ގޮނޑިއަށް ބޭފުޅުން ކުރިމަތިލީ ގާނޫނުގައި އިންތިހާބު ކުރަން ބުނެފައިވާ އަދަދަށް އެކަނި ކަމަށެވެ.
އީސީއިން ބުނީ، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް 13 އަދި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި ކަމަށެވެ. އިންތިހާބު ބާއްވަން ނުޖެހޭ މި ދާއިރާތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ ގޮނޑިތައް ހިމެނޭ ކަމަށް ވެސް ބުންޏެވެ. އެހެން ނަމަވެސް، އެއީ އެދެ ސިޓީގެ ކޮން ދާއިރާތަކެއް ކަމެއް އީސީއިން މިރޭ ހާމައެއް ނުކުރެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އޭޕްރީލް 4ގައި ބާއްވާ ދެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތަކުގެ ސައްޚަކަން ކަނޑައަޅައި ނިމިފައިވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވަނީ ޖުމަލް 2435 ކެނޑިޑޭޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
އެމްޑީފީ - 876 ކެނޑިޑޭޓުން.
ޕީޕީއެމް - 679 ކެނޑިޑޭޓުން.
ޖޭޕީ - 127 ކެނޑިޑޭޓުން.
އަދާލަތު - 30 ކެނޑިޑޭޓުން.
އެމްޑީއޭ - 22 ކެނޑިޑޭޓުން.
އެމްއާރްއެމް - 16 ކެނޑިޑޭޓުން.
އެމްއެސްއެލްޑީޕީ - 4 ކެނޑިޑޭޓުން.
ޑީއާރުޕީ - 1 ކެނޑިޑޭޓުން.
އަމިލަ ހައިސިއްޔަތުން - 680 ކެނޑިޑޭޓުން.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ޖުމްލަ 1817 ކެނޑޭޓުން ވާދަކުރާއިރު މީގެ ތެރޭގައި ހިމެނެނީ:
އެމްޑީފީ - 722 ކެނޑިޑޭޓުން.
ޕީޕީއެމް - 517 ކެނޑިޑޭޓުން.
ޖޭޕީ - 56 ކެނޑިޑޭޓުން.
އަދާލަތު - 25 ކެނޑިޑޭޓުން.
އެމްޑީއޭ - 20 ކެނޑިޑޭޓުން.
އެމްއާރްއެމް - 4 ކެނޑިޑޭޓުން.
އަމިލަ ހައިސިއްޔަތުން - 473 ކެނޑިޑޭޓުންނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، 3 ރަށެއްގެ ކޮމެޓީތަކަށް ޤާނޫނުގައި ބުނާ އަދަދަށް މީހުން ކުރިމަތިލާފައިނުވާއިރު، ޤާނޫނުގައި ބުނާ އަދަދަށް މީހުން ކުރިމަތި ލުމާއި ގުޅިގެން 22 ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ބޭނުންވާ މެންބަރުންގެ ގޮނޑި ކަށަވަރުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ޤާނޫނުގައި ބުނާއަދަދަށް ކެނޑޭޓުން ކުރިމަތިލުމާއި ގުޅިގެން މިހާރު ގޮނޑި ކަށަވަރުވެފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ރަސްމީކޮށް އިއުލާންކުރާނީ، މާޗްމަހުގެ 4 ވަނަ ދުވަހު ކެނޑިޓޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހުގައިކަމަށެވެ. ޤާނޫނުގައި ބުނާގޮތުން ނަން ތަރުތީބުކޮށް ގުރުއަތު ނެގުމުގެ ކުރިން ނަން އަނބުރާ ގެންދިއުމުގެ އިޚްތިޔާރު ކުރިމަތިލާ ފަރާތައް ލިބިގެންވެެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބު ބާއްވަން ނުޖެހި، ހދ. ވައިކަރަދޫ ކައުންސިލް ރައީސްގެ ގޮނޑި އަދި ނ.ކުޑަފަރީ ކައުންސިލަށް ވެސް އެމްޑީޕީގެ ތިން މެމްބަރަކު ވަނީ އިންތިހާބަކަށް ނުގޮސް ގޮނޑި ކަށަވަރުވެފައެވެ. އެއާއެކު އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީ އަށް މިހާރު ވަނީ ލިބިފައެވެ.
މީގެއިތުރުން އައްޑޫ ސިޓީ ކައުންސިލަށް ވެސް އިންތިހާބަކާ ނުލައި މެމްބަރަކު ވަނީ ހޮވިފައެވެ. އެގޮތުން ގޮނޑި ކަށަވަރުކޮށްފައިވަނީ ހިތަދޫ ބޭރުމަތި ދާއިރާއަށް ކުރިމަތިލާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން އެމްޑީޕީން ކުރިމަތިލި މަރިޔަމް ސައީދާ(މަރީ) އެވެ.
އެމްޑީޕީން ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން މި އިންތިޚާބުގައި ވެސް ނެރުމަށް ހަމަޖެހިފައިވާއިރު ދެން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު ޕީޕީއެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!