ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

ފްލެޓާއި ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވަކި މިންވަރުތަކެއް ވަނީ ކަނޑައަޅާފައެވެ.

ހައުސިން މިނިސްޓްރީން އުޞޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ކުރީގެ ސްކީމަކުން ކުދި ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ޝަރުތު ހަމަވާނަމަ ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީގެ ޝަރުޠުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލާއެކު އެ ފަރާތްތަކަށް ފްލެޓަށް އެދުމުގެ ފުރުޞަތު ކުރިއަށްވުރެ ފަސޭހަކަމާއެކު ލިބިގެންދާނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި ސްކީމްގެ ތެރެއިން ވީހާވެސް ގިނަ ބަޔަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމެވެ.