ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިއަހަރު އިންޑޮނޭޝިއާގެ ހައްޖުވެރިންގެ އަތުން ނަގާ އަގު 2 މިލިއަން ރުޕިއާ (ގާތްގަނޑަކަށް 117 އެމެރިކާ ޑޮލަރު) ކުޑަކުރަން އެގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ނިންމަވައިފިއެވެ.
މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ޚަރަދުތައް ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، އެ ބުރަ ހައްޖުވެރިންގެ ބޮލުގައި ނޭޅުވުމަށް ރައީސް ޕްރަބޯވޯ ނިންމެވި ނިންމެވުމެކެވެ.
މި ނިންމުމާއެކު، 2026 ވަނަ އަހަރު ކޮންމެ ހައްޖުވެރިއަކަށް ދައްކަން ޖެހޭ ޖުމްލަ އަގަކީ 87.4 މިލިއަން ރުޕިއާ (ގާތްގަނޑަކަށް 5,145 އެމެރިކާ ޑޮލަރު) ކަމަވަނީ ކަނޑައަޅާފައެވެ. އިންޑޮނޭޝިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ހައްޖުވެރިންގެ އަތުން ސީދާ ނަގާނީ 54.19 މިލިއަން ރުޕިއާ އެވެ. ބާކީ ހުރި ޚަރަދުތައް ދައުލަތުން ސަބްސިޑީގެ ގޮތުގައި ހަމަޖައްސައިދޭނެ ގޮތައް ވަނީ ނިންމާފައެވެ.
2026 ވަނަ އަހަރަށް އިންޑޮނޭޝިއާއަށް ލިބިފައިވަނީ 221,000 ހައްޖު ކޯޓާއެވެ. މިއީ ދުނިޔޭގައި ގައުމަކަށް ލިބޭ އެންމެ ބޮޑު ހައްޖު ކޯޓާ ކަމަށްވާއިރު، މިހާ ގިނަ އަދަދެއްގެ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެއާލައިންތަކުގެ ދަތުރުތައް ހަރުދަނާކުރުމާއި، ކުންފުނިތަކާ ގުޅިގެން ޚަރަދުތައް މެނޭޖްކުރުމަށް ވަނީ ރޭވިފައެވެ.
ހައްޖު އަދި އުމްރާއާ ބެހޭ ވަޒީރު މުޙައްމަދު އިރްފާން ޔޫސުފް ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ ހަރަދުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ގަރޫޑާ އިންޑޮނޭޝިއާ އެއާލައިނުން ކޮންމެ ހައްޖުވެރިއެއްގެ އަތުން އިތުރު 7.9 މިލިއަން ރުޕިއާ ނެގުމަށް ހުށަހަޅާފައިވާއިރު، ސައުދީ އެއާލައިނުން ވަނީ 480 ޑޮލަރު އިތުރުކުރުމަށް ހުށަހަޅާފައެވެ.
ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ މި އިތުރުވާ ހަރަދުތަކުގެ ބުރަ ހައްޖުވެރިންގެ ބޮލުގައި ނޭޅުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. "ހައްޖުގެ ހަރަދުތަކަށް އެއްވެސް ބަދަލެއް އައި ނަމަވެސް، އެ ބަދަލު ހައްޖުވެރިންނަށް ފޯރުކޮށްދީގެން ނުވާނެ ކަމީ ރައީސްގެ އިރުޝާދެއް," ވަޒީރު އިތުރަށް ވިދާޅުވިއެވެ.
މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއާލައިންތަކުން ހުށަހަޅާފައިވާ އަގުތަކާއި ހައްޖުވެރިންގެ އަތުން ނަގާ އަގާ ދެމެދު ހުރި ފަރަގު ފޫބައްދާނެ ގޮތްތަކެއް ހޯދުމަށެވެ. މިއީ އިންޑޮނޭޝިއާގެ ހައްޖުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި ބެލެވެއެވެ.
އިންޑޮނޭޝިއާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ ގައުމެވެ. އެ ގައުމުގެ އާބާދީގެ ގާތްގަނޑަކަށް 87 އިންސައްތައަކީ މުސްލިމުންނެވެ. މިއީ އަދަދުގެ ގޮތުން ބަލާއިރު 270 މިލިއަނަށްވުރެ ގިނަ މީހުންނެވެ. މި ބޮޑު އާބާދީގެ ސަބަބުން ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް އެދޭ މީހުންގެ އަދަދު އިންތިހާއަށް އިތުރެވެ.
ސައުދީ އަރަބިއްޔާއިން ކޮންމެ ގައުމަކަށްވެސް ހައްޖު ކޯޓާ ދޫކުރަނީ އެ ގައުމެއްގެ މުސްލިމް އާބާދީގެ ނިސްބަތަށް ބަލައިގެންނެވެ. އިންޑޮނޭޝިއާއަށް އާންމުކޮށް އަހަރަކު ދެލައްކައަށްވުރެ ގިނަ ކޯޓާ ލިބެއެވެ. ނަމަވެސް، ހައްޖަށް ދާން ބޭނުންވާ މީހުންގެ އަދަދު ގިނަކަމުން، ބައެއް ސަރަހައްދުތަކުގައި ހައްޖަށް ދިއުމަށްޓަކައި 20 އަހަރާއި 40 އަހަރާ ދެމެދުގެ މުއްދަތަކަށް އިންތިޒާރު ކުރަންޖެހެއެވެ.
އިންޑޮނޭޝިއާ ސަރުކާރުން ހައްޖުގެ ކަންކަން އިންތިޒާމުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ. މީގެ ތެރޭގައި ހައްޖުވެރިންނަށް ބޭނުންވާ ސިއްހީ ތަމްރީނުތަކާއި، ހައްޖުގެ މަނާސިކުތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. އަދި ހައްޖުވެރިންގެ ދަތުރުފަތުރާއި ތިބުމުގެ ކަންކަން ވީހާވެސް ލުއިފަސޭހަ ކުރުމަށްޓަކައި ސައުދީ ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެއެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، އިންޑޮނޭޝިއާއަކީ ހައްޖުގެ އަޅުކަމުގައި އެންމެ ބޮޑު ހިއްސާއެއްވާ އެއް ގައުމެވެ. އާބާދީ ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، އެ ގައުމުން އަންނަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއްގެ ދަށުން ކޮންމެ އަހަރަކު އެތައް ހާސް މުސްލިމުންނެއް ހައްޖުގެ މުގައްދަސް ބިމަށް ފޮނުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!