މާލޭގެ މާފަންނު ސަބުދެލިމަގުގައި ހުރި އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި، ސީރިއަސް އަނިޔާތަކެއް ވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މާފަންނު ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 އޭޕްރީލް 9 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 18:20 އެހައިކަންހާއިރުއެވެ.

Ad
rt

މި ހާދިސާގައި ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.

އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.

ހާދިސާ ހިނގި ސަރަހައްދުން އެ މީހާ ނަގައިގެން ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާއަށް މިހާރު ދަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

މި މީހާ ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.