މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ރޭ ދަންވަރު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި ހިނގި ހާދިސާގައި ގެއްލިގެން ހޯދި މީހާ ފެނިއްޖެއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ އެ ބޯޓުން ދަތުރުކުރި ދިވެއްސެކެވެ.

Ad
rt

މި ހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ މީހާ، އޮޔާދިޔަ ޕެލެޓެއް މަތީގައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ވަނީ ފެނިފައެވެ. އަދި އެމީހާ ފެނިފައިވަނީ 2026 އޭޕްރީލް 9 ވަނަ ދުވަހުގެ ހެނދުނު 10:15 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

''ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެމީހާއަށް މިހާރު ދަނީ ފަރުވާދެމުން'' ފުލުހުން ބުންޏެވެ.

ފުލުހުން ރޭ މައުލޫމާތު ދީފައިވާ ގޮތުގައި، މި ބޯޓު ފަރަށް އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިއްބެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު (ބިދޭސީއެއް) ވަނީ ފަތާފައި ލ. އޮޅުވެއްޔަށް އަރާފައެވެ. އަދި ބޯޓުގައި ތިބި އިތުރު 11 މީހަކު ކައިރީގައި އޮތް ރިސޯޓެއްގެ ދޯންޏަކަށް ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި 9 ބިދޭސީންނެވެ. ސަލާމަތްކުރެވުނު ޖުމުލަ 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.