ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ ތާރީޚްގައި އެމްޑީޕީ އަށް ހދ. ނައިވާދޫން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ފަހަރުކަމުގައި މި ފަހަރުވެއްޖެއެވެ.

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެމްޑީޕީ އަށް ވަނީ ދެ ގޮނޑިއާއެކު ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ލިބިފައެވެ. އަދި ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑިވެސް ފުރަތަމަ ފަހަރަށް އެމްޑީޕީން ވަނީ ހޯދާފައެވެ.

Ad
rt

މި އިންތިޚާބުގައި ނައިވާދޫ ކައުންސިލްގެ ގޮނޑި މިހާރުގެ ރައީސް ޕީއެންސީގެ އަލީ ރަޝީދު މުހައްމަދާއި ވާދަކޮށް، 90 ވޯޓުގެ ތަފާތަކުން ކާމިޔާބުކުރީ އެމްޑީޕީގެ މުހައްމަދު ނައުފަލްއެވެ. ނައުފަލް އަށް 282 ވޯޓު ލިބުނުއިރު، ޢަލީ ރަޝީދަށް ލިބުނީ 192 ވޯޓެވެ.

މިފަހަރުގެ އިންތިޚާބުގައި ވޭތުވި ތިން ދައުރުގައި ވެސް ނައިވާދޫ ކައުންސިލް ގޮނޑިއެއް ކާމިޔާބުކުރި މިހާރުގެ ނައިވާދޫ ކައުންސިލްގެ ނައިބު ރައީސް، ޕީއެންސީގެ އަހްމަދު ފާއިޒަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތިވެފައެވެ. އޭނާ އާއި ވާދަކޮށް ކައުންސިލްގެ މިހާރުގެ ވެސް މެމްބަރު އެމްޑީޕީގެ އަހްމަދު އާފާގް ވަނީ އޭނާގެ ގޮނޑި ދިފާއުކޮށްފައެވެ. އާފާގް ގޮނޑި ދިފާއުކުރީ 32 ވޯޓުގެ ތަފާތަކުންނެވެ.

ނައިވާދޫ ކައުންސިލްގެ ކައުންސިލްގެ އަންހެނުނަށް ޚާއްޞަ ގޮނޑި ނެގީ ޕީއެންސީގެ ސަލީމާ މުހައްމަދު ވަހީދެވެ. ސަލީމާ މިގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހިއްޔާ އަބުދުލްޣަނީ އަށް ވުރެ 84 ވޯޓު އިތުރަށް ހޯދައިގެންނެވެ.

ނައިވާދޫގެ ޑަބްލިޔުޑީސީގެ ރައީސްކަން ވެސް ފުރަތަމަ ފަހަރަށް ޕީއެންސީ އަށް ލިބުނުއިރު، އެ ގޮނޑި އެމްޑީޕީގެ ފަޒީނާ އަބުދުލް ޣައްފާރު ކާމިޔާބުކުރީ ޕީއެންސީގެ ޝިޔާމާ މުހައްމަދުގެ މައްޗަށް 48 ވޯޓުގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. ޑަބްލިޔުޑީސީގެ އަނެއް ދެ ގޮނޑި ހޯދީ ޕީއެންސީންނެވެ.

ނައިވާދޫ އަކީ ޒަމާނުއްސުރެ ޕީއެންސީގެ ފިކުރަށް ކައުންސިލާއި ޑަބްލިޔުޑީސީގެ މެޖޯރިޓީ ލިބެމުން އައި ރަށެކެވެ.