ހަމަނޭވާ ލާނީ 2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށްފަހުގައިކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެވެ،

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަށް އޮތް އަޒުމް މުހައްމަދު ހާމަކުރައްވާފައި ވަނީ އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ނަތީޖާ ހިއްސާ ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އޭނާ ވިދާޅުވީ ޕީއެންސީގެ ޓީމުން ހަމަނޭވާ ލާނީ 2028 ގެ އިންތިހާބު ކާމިޔާބު ކުރުމަށްފަހު ކަމަށެވެ.

Ad
rt

އިންތިހާބުތަކުގެ ނަތީޖާއަށް އިޝާރާތްކުރައްވަމުން މުހައްމަދު ވިދާޅުވީ، މި ނަތީޖާތަކުން ބުނެދޭ ހަގީގަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ފުރިހަމަ އިތުބާރާއި ތާއިދު ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް އޮތްކަން ކަމަށެވެ. އަދި މިކަމަށްޓަކައި ދިވެހި ރައްޔިތުންނަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"އަޅުގަންޑުމެން ހަމަނޭވާލާނީ 2028 ގެ ރިޔާސީ އިންތިހާބް ދިވެހިރައްޔިތުންގެ ރައީސް ޑރ މުއިއްޒުއައް ކާމިޔާބް ކޮއްދިނުމަށްފަހު،" މުހައްމަދު އިސްމާޢީލްގެ ޕޯސްޓުގައި ވިދާޅުވެފަވެއެވެ.

މުހައްމަދު އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީތަކަކީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ދޭ ތަރުހީބުގެ ނަތީޖާއެވެ.

މުހައްމަދުގެ މި ވިދާޅުވުމާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީއެންސީން މިހާރުއްސުރެ ތައްޔާރުވަމުންދާކަމާއި، ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް ހޮވުމަށް އެ ޕާޓީގެ ލީޑަޝިޕުން ބޮޑު އިސްކަމެއް ދޭކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީ އިންތިޚާބުގައި މުހައްމަދު ނިސްބަތްވާ ދާއިރާ، ވިލިމާލެ ދާއިރާގެ ގޮނޑިތައް ކާމިޔާބުކުރީ ޕީއެންސީންނެވެ.