މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ކުރިއަށް ގެންދިޔަ ފޯރިގަދަ ކެމްޕޭން ހަރަކާތްތައް ނިންމާލައިފިއެވެ.

މި ވޯޓުތަކާ ގުޅިގެން ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ވަރަށް ވާދަވެރި ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. ކެމްޕޭން ނިންމުމުގެ ގޮތުން ދެ ޕާޓީން ވެސް މިއަދު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި ޚާއްސަ ހިނގާލުންތަކެއް ބާއްވާފައިވެއެވެ.

Ad
rt

ޕީއެންސީން ބޭއްވި ހިނގާލުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ، އެމްޑީޕީގެ ހިނގާލުމުގައި އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުން ބައިވެރިވެ، ހިނގާލުމެއް ވަނީ ބާއްވާފައެވެ.

ވެރިކަން ކުރާ ޕީއެންސީގެ ހިނގާލުމުގެ ތެރެއިން، ފޮޓޯ: ޕީއެންސީ

މާދަމާ ބާއްވާ މި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ޖުމްލަ 299,876 މީހުންނަށް ލިބިފައިވެއެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބަކީ 2026 ވަނަ އަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް ކުރިން ތާވަލުކުރެވުނު ނަމަވެސް، މިހާރު ކުރިއަށްދާ މުހިންމު ނިންމުންތަކުގެ ބައެކެވެ.

އެމްޑީޕީގެ ހިނގާލުމުގެ ތެރެއިން، ފޮޓޯ: އެމްޑީޕީ

އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރުމަށްޓަކައި ރާއްޖޭގެ އަތޮޅުތެރެއާއި، ރިސޯޓުތަކާއި، ޖަލުތަކުގެ އިތުރުން މާލޭ ސަރަހައްދު ހިމެނޭހެން ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 ގައެވެ.

ވޯޓުލާން ދާންޖެހޭ ތަން ސާފުކުރުމަށްޓަކައި VR [Space] ID number ޖެއްސެވުމަށްފަހު 1414 އަށް އެސް.އެމް.އެސް ކޮށްގެން މަޢުލޫމާތު ހޯދޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މިއަދު ހަވީރު 18:00 އަށް ކެމްޕޭން ކުރުމުގެ ވަގުތު ހަމަވުމާ ގުޅިގެން، ދެން އެއްވެސް ބާވަތެއްގެ ކެމްޕޭން ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.