ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި ތަފާތު މައްސަލަތަކަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ، އަޒުހީމް ސަޢީދު (36އ) އާއި، ޏ. ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް، ޢަލީ ޝަފާޒު (31އ) ގެ އިތުރުން ސ. ހިތަދޫ، ކުޅިބަލާގެ، މުޙައްމަދު ޖުނައިދު (47އ) އެވެ.

Ad
rt

ހައްޔަރުކުރި މީހުންގެ ތެރެއިން އަޒުހީމް ސަޢީދު ހައްޔަރުކޮށްފައިވަނީ ސޯޝަލް މީޑިއާ އެކައުންޓެއް ހެކްކޮށް، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައިގެން 3,500 ރުފިޔާ އޮޅުވާލައިގެން ހޯދި މައްސަލައެއްގައެވެ. މި މަހުގެ 12 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، 2026 އެޕްރީލް 27 އާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ޢަލީ ޝަފާޒު ހައްޔަރުކޮށްފައިވަނީ ވެސް މިފަދަ އުކުޅެއް ބޭނުންކޮށްގެން 4,500 ރުފިޔާ ހޯދި މައްސަލައެއްގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. އޭނާގެ ބަންދުގެ މުއްދަތު 2026 އެޕްރީލް 12 އަށް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވެނީ މުޙައްމަދު ޖުނައިދު އަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑޮލަރު ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29,987 ރުފިޔާ ހޯދި މައްސަލައެއްގައެވެ. މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، 2026 އެޕްރީލް 5 އާ ހަމައަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ތިން މައްސަލަވެސް މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.