މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލި ބައެއް އެއަރލައިންތަކުން އަލުން ދަތުރުތައް ފަށާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ދެނެގަތުމަށް އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad
rt

މި ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ މުހިންމު އެއަރލައިންތައް ކަމަށްވާ އެމިރޭޓްސް، އިއްތިހާދު އަދި ފްލައި ދުބާއީ އިން މިހާރު ދުވާލަކު ދެ ފްލައިޓް ރާއްޖެއަށް އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އޭޕްރީލް މަހުން ފެށިގެން ޤަތަރު އެއަރވޭޒް އިން ދުވާލަކު އެއް ފްލައިޓް ބޭއްވުމަށް ނިންމާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަސްވަރާ އަޅައިބަލާއިރު މިހާރު އެއަރލައިންތަކުގެ ބުކްލޯޑް އިތުރުވަމުންދާ ކަމަށެވެ. އަދި ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ދަތުރުފަތުރުގެ އާ ރޫޓްތައް ގާއިމުކުރުމުގެ ފުރުސަތުތައް ދެނެގަނެ، އެކަންކަން ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި އަސަރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ހަނގުރާމައާ ގުޅިގެން މިހާތަނަށް ޖުމްލަ 496 ފްލައިޓް ކެންސަލްވެފައިވާ ކަމަށެވެ. މީގެ ސަބަބުން މި މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދުވާލަކު އެވްރެޖްކޮށް 1,150 އަށްވުރެ ގިނަ ފަތުރުވެރިން މަދުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން "ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަން" ގެ ހިދުމަތް ދޭން ފަށާނެ ކަމަށް ވަޒީރު އިއުލާން ކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ ގޮތުން ޓެކް ރެކް ޑައިވިންގ އާއި ސްޕިއަރ ފިޝިންގ ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ސިނާއަތުގެ ހިއްސާދާރުންނާ މަޝްވަރާކޮށްގެން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ.