"އަޅުގަނޑުމެންއައި ދޯނި ނެރުންވަދެގެން އައިސް ގޮނޑުދޮށާ ކައިރިކޮށްލިތަނާ ކުއްލިއަކަށް ފެނުނީ، ރައްޔަތް އޮތްގޮތަށް ނިކުތްތަނެވެ. އެންމެންގެކުރީގައި، އެރަށު އަލަވަލު މޫސާއޭ ކިޔާ ބަނޑޭރިއަކު ހުއްޓެވެ. އެއްބައިމީހުންގެ ކޮނޑުމަތީގައި
ކަނދުބުރިބުރިހުއްޓެވެ."

މަރާއި ދިރިތިބުން އޮތީވެސް ބަނޑުފުރާނަމުއްތި ކޮށްގެން ކަމަށްވީއިރު މީގެ 77 އަހަރު ކުރީން ތިލަދުންމަތީގެ ރަށްޔިތުން އަތުގުޅާލީ ހައްގުމިންވަރު ހޯދުމަށް ވީހާލެއްގައިވާށެވެ.

Ad
rt

ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތް "އުތުރު ގަޑުބަޑު" ގެ ގޮތުގައި ނުވަތަ "ތިލަދުންމަތީގެ ބަޣާވާތު" ގެ ގޮތުގައި ބައެއް ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް ، އެހަރަކާތަކީ ދައުލަތާއި ދެކޮޅުވެރިވެ، ބަޣާވާތެއް ކުރުމުގެ ވިސްނުން ތިލަކޮށްގެން އުތުރުގެ ހިތްވަރުގަދަ ރައްޔިތުން ކުރިކަމެއް ނޫނެވެ.

އެހަނދާންތައް އައު ކޮށްލުމަށް ދައުލަތުގެ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި ތިލަދުންމަތީ ރައްޔިތުން ސުލްހަ ކުރުމަށް ވަޑައިގަތް މުޙައްމަދު ޖަމީލުމުޙައްމަދު ޖަމީލުގެ "ތިލަދުންމަތީގެ ދަތުރުގެ ހަނދާން" ފޮތުން ދެން އޮތްބައި ކިޔާލަމާ ހިންގަވާށެވެ!

ދެން، އެރޭ (1362/2/20 ވީ ހުކުރުވިލޭރެއި) ހަގަޑި ސާޅީސް ފަސްމިނެޓް ހިނގިއިރު، ވައިކަރަދޫ ކަނޑިންމައިން ވަދެއްޖައީމެއެވެ. އަޅުގަނޑުމެންގެ ބައްތެއްޔާއި އެކުއެކުހެން، ނޮޅިވަރަންފަރު ކުޑަދޯންޏެއް އައިސް ވަނެވެ. މިދޯނީގެމީހުންކުރެން އަހައިލީމާ، އަތޮޅުވެރީން ރަށުގައިހުރި ޚަބަރު ލިބުނެވެ. އަދި، ކުރީންލިބުނު ޚަބަރުތައް އެއީ ތެދު ޚަބަރުކަމުގައި ބުނޫއެވެ.

ވައިކަރަދޫއަށް ފެއިބިއިރު، އެރަށުގައިއޮތީ ވަރަށް ކަންތައްބޮޑު ވެފައެވެ. އެއިގެ ކުރީދުވަހު، ކުޅުދުއްފުށީ ދޯންޏެއްއައިސް، ހޮނިހިރުދުވަހު އިރުހުއްޓައި، ރައިއްޔަތުން ކުޅުދުއްފުށީބޭރަށްދާން އަންގައިފިއެވެ. ރައިއްޔަތުންތިބީ ދެހިތްމަތީގައެވެ. ރަށުގައިތިބި، އެންމެ ހަރު ދެމީހުން ކަމުގައިވާ ނާއިބު ޢަލީއާއި، ޚަޠީބު ޢީސައާއި ދެމީހުން މާލެގޮސްފައި އަދި ނާދެއެވެ. ރަށުގައި ހުރި މީހަކީ، މުދިންކަލޭގެއެވެ. ދެންހުރީ އިބްރާހީމްކަލޭގެއެވެ. މިދެމީހުންތިބީ، އަނެއްދެމީހުން ނާންނަނީސް ވަކިގޮތަކަށް ނުނިންމާން ގަސްތުކޮށްފައެވެ.

އަޅުގަނޑުމެން ފައިބައިގެންގޮސް، މުދިންކަލޭގެއާއި، އިބްރާހީމް ތަކުރުފާނާއި، ދެމީހުންނަށް ވަރަށް ނަސޭހަތްދީފައި، މިރަށު ރައްޔަތުން ދިޔަނުދީ ހިފެހެއްޓުމަށް އަންގައިފީމުއެވެ.

ހަމައެރެއިމެ، މެންދަމު ބާރަގަޑިބައިވިއިރު، ވައިކަރަދޫން ރަނގަޅުހެންހީވާ ޒުވާނުންގެ ބާރަމީހުންލައިފައި، މަސްދޯންޏެއް ތައްޔާރުކޮށް ދަތުރުހަދައިގެން، ވައިކަރަދޫ ޚަޠީބު ޢީސައާއި، ނާއިބު ޢަލީއާއި ގޮވައިގެން، ނޮޅިވަރަންފަރަށް ދާން ފުރައިފީމުއެވެ.

ނޮޅިވަރަންފަރަށް ދެވުނީ، އަނެއްދުވަހު އެގާރަޖެހިއިރުއެވެ. ގޮސް ފައިބައިގެން ވާރުގޭ ދޮށަށްގޮސް ވަންއިރު ގޭތެރެއިން އިވެނީ، އަންހެނުންނާއި ކުޑަކުދީން ރޯއަޑެވެ. އަތޮޅުވެރީންނެއް ފެންނާކަށް ނެތެވެ. އަތޮޅުވެރީން ކޮބައިހޭ މީހަކު ކުރެން އަހައިލީމާ، ކަންފަތްދޮށުގައި ސިއްރުސިއްރުން ބުނެފިއެވެ.
- "އަތޮޅުވެރީން ފިލައްޖެއެވެ. ބައަކު އަތުވެއްޖިއްޔާ ރަށުގައި ނެތްކަން އަންގައި އަވަހަށް ފޮނުވައިލާށޭ ބުނުއްވިއެވެ."
- "އަވަހަށް ހޯދައިގެން ގެނޭ!!"

ދެން މާގިނައިރުތަކެއް ނުވަނީސް އަތޮޅުވެރީން ދައްކައިލައިފިއެވެ. އެއިރުހުރީ، ވަރަށް ކަންތައްބޮޑުވެފައެވެ. ތުނބުޅިހުރީ ދިގުވެފައެވެ. ދަތްތައްހުރީ ރަތްވެފައެވެ. ޙާލަކީކޮބައިތޯއަހައި ޚަބަރު އަހައިލީމާ،

"އަސްތާ! ދަންނަވާކަށް މި ކަންތައް މާމައްޗަށް ހިނގައްޖެ! އާދީއްތަދުވަހު ފުރާންވެގެން ހުރިހައި ރަށްރަށުމީހުން އެތިބަ އެއްކުރަނީ... އަޅުގަނޑުވެސް ހަތަރު ދުވަސް މަތިންގޮސް ނަސޭހަތްދީ، އާދޭސްކޮށްވެސް ނުހުއްޓި. މިހާރުމިއޮތީ، އެރަށަށް އަރައިފިނަމަ، މަރައިލާންބުނެފަޔޭ... އެންމެފަހުން ރޭގައިވެސް، ސިޓީއެއްދީފައި މުޙައްމަދު ކަތީބު އަތަށްފޮނުވީމާ، އެންމެން ހަޅޭލައިގަނެގެން މުޙައްމަދު ކަތީބުއަތުން ސިޓީއަތުލައި ވީދައިލައިފިއޭ. އެހެންވީމާ، ކުރާނެކަމެއްނޭނގިގެން، ދިއްދޫރަޢިއްޔަތުންނާއި ހުވަރަފުށީ ރަޢިއްޔަތުންނާއި ގެންނާން މިހާރު މިފޮނުވަނިއްޔޭ.."

"އެބައިމީހުން، މާލެދާން މިހައި ތައްޔާރުކޮށްފިކަން މާލެއަށް އަންގައިފީމުތަ؟.."

"މިހައި ތައްޔާރުވީކަމެއް ނާންގަން... އެކަމަކު، މިދިޔަ ބުދަދުވަހު ނޮޅިވަރަންފަރު ކަތީބުމަނިކުއަތަށް ސިޓީއެއްދީފައި، ނޮޅިވަރަންފަރު ދޯންޏެއްގައި މާލެފޮނުވައިފީމޭ. އެސިޓީއަކުވެސް، އާދީއްތަދުވަހު ފުރާނެ ވާހަކައެއް ނުލިއެވުނޭ. ކުޅުދުއްފުށީމީހުން އަނެއްކާވެސް

ނުކިޔަމަންތެރިވެއްޖެވާހަކަ ލިއުނީމޭ."

"ތިއައީ ވަރަށްދެރަކޮށްވެފައިއޮތް ކަމެކޭ..."

ދެން އަޅުގަނޑުމެން އެތާ އިށީނދެ ހަމަޖެހިލިތަނާ، ފެނުނީ ދިއްދޫ ދޮން ޢަލީ ޙާޖީކަލޭގެފާނާއި، ދިއްދޫ ޚަޠީބު ކަލޭގެފާނާއި ދެމީހުން ކުއްލިއަކަށް އައިސް ވަންތަނެވެ. ދެމީހުންއެތިބީ ވަރަށްގަދަ ފޯރީއެއް އައިސްފައެވެ. ރުޅިއައިސްގެން ތުރުތުރުވެސް އަޅައެވެ. ދިއްދޫ އެހެރަ މުސްކުޅި ޚަޠީބު ކަލޭގެފާނުވެސް އައިސްފައިހުރި ފޯރިއާއިމެދު އަޖާއިބުވާން ޖެހުނެވެ.

އެދެމީހުންއައިސް، އަތޮޅުވެރީންގެ ކުރިމައްޗަށް ހުއްޓި ސަލާންކޮށްލައިފައި .

"އަތޮޅުވެރީން އަމުރުކުރައްވާށޭ. މީހުންނާ ތަކެއްޗާ އެބަހުއްޓޭ. ކުޅުދުއްފުށީމީހުން ދައުލަތާދެކޮޅަށް ދިޔަދީގެން ނުވާނެއޭ. އަޅުގަނޑުމެން މިތިބީ ވީގޮތަކުން މަނާކުރާށޭ. އަތޮޅުވެރީން ބުނުއްވަނިކޮށް މިހާރުވެސް އުތީމުބައްތެލިކޮޅު ދިރުނބާކޮޅު އެއްގަމަށް އެހިލައިވެސްފާނަމޭ. ބޮޑުރޯނުއެބަހުއްޓޭ. އަތޮޅުވެރީން ބުނުއްވިކަމެއް ކުރާން މީހުންއެބަތިއްބޭ.."

އެއިރު ހުވަރުފުށީ ޚަޠީބުކަލޭގެފާނާއި، ދޮންބެ ދޮންކަލޭގެފާނުގެ މުޙައްމަދު ކަލޭގެފާނާއި، ދެމީހުން، އަތޮޅުވެރީންގެ އަމުރަށް ދަތުރަކު ފުރާން އުޅެފައިވެ، ބޭރުން ބައަކުއައިމާ، ވާނުވާއެއް ބަލައިލާން މަޑުކޮށްލައިގެން ތިބޫއެވެ.

ދެން އެންމެން އެއްތާތިބެ ވާހަކަދައްކައިލީމާ، އަތޮޅުވެރީން ގަސްތުކޮށްފައި އޮތްކަމަށް ފެނުނީ، ދިއްދޫ ރަޢިއްޔަތުންނާއި، ހުވަރަފުށީ ރައިއްޔަތުނާއި، ނޮޅިވަރަންފަރަށް ގެނެސް ނަސޭހަތްދީހެދުމަށެވެ.

އަދި ބޭނުންވެއްޖެނަމަ، އެދެރަށުގެ ރަޢިއްޔަތުންނާއި އަދިވެސް ކުދިކުދި ބައެއް ރަށްރަށުގެ ރަޢިއްޔަތުންނާއިގެން ކުޅުދުއްފުއްޓަށްގޮސް އެމީހުން ދާންއުޅޭދިއުން، ގަދަކަމުން މަނާކުރުމެވެ.

އަޅުގަނޑުމެން ދެމީހުން ކަންތައް ކުރާނޭގޮތަކާއިމެދު ވާހަކަދައްކައިލީމާ އޭނާއަށްފެނުނީ، (ލާހިމަގުން ގޮދަން ދެއްވާން ފައްޓަވައިފި ވާހަކައާއި، މާދޫގޭ އަޙުމަދުކަލޭގެފާނު ހައްޔަރުކުރައްވައި، ސައިޅަތުއްތު އިސްޓޯރުން ބޭރުކުރައްވައިފި ވާހަކައާއި) މިކަހަލަ ދޮގުތަކެއް ހަދައިލައިގެން ސިޓީއެއްލިއެފައި ކުޅުދުއްފުއްޓަށް، ރަޢިއްޔަތުންނަށް ފޮނުވަނިކޮށް ހަމަޖެހިދާނެކަމަށެވެ.

އަޅުގަނޑުމެންނާއި އަތޮޅުވެރީންނާއި އެކުގައި އެރަށަށްދާކަށް ނުފެނުނެވެ. އެއީ، އަތޮޅުވެރީންއަޔަސް، މާލޭންބަޔަކުއަޔަސް، ކުރީން އެރިމީހަކު ކުރީން މަރައިލުމަށް އެރަށުގައި ގަސްތުކޮށް ވާހަކަދައްކައިފައި އޮތްކަމަށްޓަކައެވެ.

އަޅުގަނޑުމެން ދެމީހުންނަށްމެ ފެނުނީ، އެންމެފުރަތަމައަށް، މި ޚަބަރު މާލެފޮނުވޭތޯ މަސައްކަތްކުރުމެވެ. އަދި ހުކުރުން ފައިބައިގެން ވީހައި އަވަހަކަށް ކުޅުދުއްފުއްޓަށްގޮސް އެމީހުންނާ ވާހަކަދައްކައިލެވޭނެ ގޮތެއްއޮތްތޯ ބެލުމެވެ. މިހިސާބަށް އައިސްފައި، ހަމައެކަނި މީހުންބުނާ ބުނުމުގެމައްޗަށް ލޮލުންނުދެކެ ދިއުން ނުފެންނާތީ ދާން ގަސްތުކުރީއެވެ. އަދި އަޅުގަނޑުމެންނަށް ފެނުނުގޮތުގައި އެގޮތަށް ދެތިންރަށުގެ ރަޢިއްޔަތުން ގޮވައިގެންގޮސް ކުޅުދުއްފުއްޓަށް އެރުމަކީ، ވަރަށްބޮޑު ނުރައްކައުތެރިކަން އުފެދި، ދެބައިމީހުން ތަޅައިފޮޅައިގަންނާން ޖެހިދާނޭކަމެކެވެ. އެހެންވެއްޖެނަމަ، އެތައްބައެއްގެ ފުރާނައަށް ގެއްލުން ނުލިބިއެއް ނުދާނެއެވެ.

އަނެއްގޮތުގައި، އުތީމު ބައްތެލިކޮޅު ގަދަކަމުން އެހިލައިހެދުމަށް ދިއްދޫ ރައިއްޔަތުން ދިއުމަކީވެސް އެހައި ނުރައްކައުތެރިކަމެކެވެ. މިހެނީ، ދިއްދޫމީހުންނާއި، އުތީމު މީހުންނާއި ދެމެދުގައި މާއިހުއްސުރެން އޮންނަ ފަސާދައެއް އޮވެއެވެ. އަދި އުތީމު މީހުންނަކީ، ކުޅުދުއްފުށިމީހުންގެ މަދަދުގައިއުޅޭ ބައެކެވެ. އުތީމު ބައްތެލިކޮޅަކީވެސް މުޅިއަތޮޅު އެންމެންގެ ހިތުގައި މާބޮޑު ގަދަރުހުރި މުޤައްދަސް އެއްޗެކެވެ.

މިހެންހުރި ބައްތެލިކޮޅެއް ދިއްދޫ ރަޢިއްޔަތުން ގޮވައިގެންގޮސް ދެކޮޅުވެރިކަމުގައި އެހިލާން ދިމާކުރުމަށްވުރެ ބޮޑުނުރައްކައުތެރިކަމެއް ނޯންނާނޭކަމަށް އަޅުގަނޑުމެންނަށް ފެނިގެން އަތޮޅުވެރިންނާއި ދޮންޢަލީ ޙާޖީކަލޭގެފާނުގާތުގައި ވަރަށްވާހަކަ ދެއްކީމުއެވެ. އަދި މިކަންތައް މިހިސާބަށްގޮސް އާދީއްތަދުވަހު ފުރަން ތައްޔާރުކޮށްފިވާހަކަ، މާލެފޮނުވި ދޯނީން ނުފޮނުވީ ކީއްވެގެންތޯ އެހީމާ އަަތޮަޅުވެރީން ބުނީ

" އާދީއްތަދުވަހަށް ތައްޔާރުކުރާކަމެއް އެއިރަކު އަދި ނޭނގެއޭ. އެކަން އެނގުނީ ދޯނިފުރިފަހުންނޭ."

އަޅުގަނޑުމެން އެރަށަށް ނުދިއުމަށާއި، ކުރީގައި ބުނެވުނު ދޮގުތައް ހަދައިފައި ސިޓީފޮނުވައިގެން ފުއްދައިލުމަށް ދެތިންހަތަރުފަހަރު މަތީން އަތޮޅުވެރީން ބުންޏެވެ. އޭނާ ބުނުއްވީ، ދޮގުހެދުމަކީ ބައެއްފަހަރަށް ހުއްދަވެދާކަމެއް ކަމުގައެވެ. އަދި ބައެއް ގޮތެއްގައި މިކަހަލަ ދޮގުހެދުން ވާޖިބުވެސްވެދާކަމުގައެވެ.

އެކަމަކު އޭނާ އެއިރު ހުރީއަކީ، ހަމަވިސްނުމެއްގައެއްނޫނެވެ. ކަންބޮޑުވެގެންގޮސް ފިކުރުބޮޑުވެ ބުއްދިއޮޅިފައެވެ. އެހެންކަމުން ހަމަވިސްނުންވަނީ އޭނާއާއި ވަރަށް ދުރުވެފައެވެ.

ދެން ހެދިގޮތަކީ، ހުވަރަފުށި މުޙައްމަދުކަލޭގެފާނު އަތަށް އަތޮޅުވެރީންގެ ސިޓީއަކާއި، އަޅުގަނޑުމެންގެ ސިޓީއަކާއި ދީފައި، ހުވަރަފުއްޓަށްގޮސް ވާހައި އަވަހަކަށް ދަތުރުހަދައިގެން ހަމައެރެއިމެ ފުރައިގެން މާލެދާން އެންގީއެވެ.

ދިއްދޫ ޙާޖީކަލޭގެފާނާއި ޚަޠީބުކަލޭގެފާނާއި ދެކަލުން ދުރުވެ ގައްލަންދޫ އެތެރެވަރީގެ ރަށްރަށުމީހުންނަށް ނަސޭހަތްދީގެން އަތޮޅުވެރީން، އުތީމަށް ދުރުވެ އެމީހުންނާ ވާހަކަދައްކައިގެން ބައްތެލިކޮޅު ނާންނާނެ ގޮތްވޭތޯ މަސައްކަތްކުރާން އެންގީއެވެ.

އަޅުގަނޑުމެން ދެމީހުން ވައިކަރަދޫ ދޯނީގައި، ހުވަރަފުށީ ޚަޠީބުކަލޭގެފާނާއި، ވައިކަރަދޫ ޚަޠީބު ޢީސާއާއި، އެރަށު ނާއިބު ޢަލީއާއި ގޮވައިގެން ކުޅުދުއްފުއްޓަށްދާން މެންދުރުން އަނބުރާ އެކެއްޖަހައި ބައިގަޑިވީއިރު ފުރައިފީމުއެވެ.

ހަތަރެއްޖެހިތަނާ ކުޅުދުއްފުށީ ކަނޑިންމައިންވަދެއްޖައީމެއެވެ. އެއިރަކުއަރަށުގެ ގޮޑުދޮށަކުން އެއްވެސްމީހަކު ފެންނާކަށްނެތެވެ. އަޅުގަނޑުމެން އައިއިރު ކުޅުދުއްފުއްޓާއި ދާދި ކައިރީގައި ވަދާދުއްވާ ކުޑަ ދޯންޏެއްއޮތެވެ. އެދޯނި އަޅުގަނޑުމެންނާ ކަނޑުމަތީން ބައްދަލުކޮށްފައި އަޅުގަނޑުމެންނަށްވުރެ ކުރިން ގޮސް ރަށުގެ އަނެއްކޮޅުން ވަދެއްޖެއެވެ.

އަޅުގަނޑުމެންއައި ދޯނި ނެރުންވަދެގެން އައިސް ގޮނޑުދޮށާ ކައިރިކޮށްލިތަނާ ކުއްލިއަކަށް ފެނުނީ، ރައްޔަތް އޮތްގޮތަށް ނިކުތްތަނެވެ. އެންމެންގެކުރީގައި، އެރަށު އަލަވަލު މޫސާއޭ ކިޔާ ބަނޑޭރިއަކު ހުއްޓެވެ. އެއްބައިމީހުންގެ ކޮނޑުމަތީގައި ކަނދުބުރިބުރިހުއްޓެވެ. މިބައިމީހުން ނިކުމެފައި އަޅުގަނޑުމެންނާއި ދިމާއަށް،

" މަރަކީ އެއްފަހަރުވާކަމެކޭ. ވިހާނީ އެއްދުވަހުއޭ." މިހެން ބުނެފައި، ރައްޔަތުންނާ ދިމާއަށް،

"ތިބޭނެކަމެއްނެތޭ. އެރިގަންނާންވިއްޔޭ. ދަމައިގަންނާށޭ.." މިހެންގޮވައިލީމާ، ދެންވާހީވީ، އެހެންކަމެއްހެންނެވެ. އެންމެން

އެއްފަހަރާ ހަޅެއިލައިގެންފައި، ދިމާކޮށްލައިފިއެވެ.

ނުނިމޭ،