ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުހުލަތު ހަމަވާން ކައިރިވެފައިވަނިކޮށް، އީރާނުގެ އަސްކަރިއްޔާއިން ޓްރަމްޕަށް މަލާމާތްކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ފޮނުވައިފިއެވެ.
އީރާނުގެ ޚާތަމުލް އަންބިޔާ މަރުކަޒީ ހެޑްކުއާޓާޒްގެ ތަރުޖަމާނު އިބްރާހީމް ޒުލްފަޤާރީ، އިނގިރޭސި ބަހުން އާންމުކުރި ވީޑިއޯ ކްލިޕެއްގައި ޓްރަމްޕްގެ މަޝްހޫރު 'ދަ އެޕްރެންޓިސް' ޝޯގައި ބޭނުންކުރައްވާ ބަސްކޮޅު ބޭނުންކުރައްވައި ވަނީ ރައްދު ދެއްވާފައެވެ.
"ހޭއި ޓްރަމްޕް، ކަލޭ ތިޔަހުރީ ވަކިކޮށްފައި (ޔޫ އާ ފަޔަރޑް)! މިއީ ކަލެއަށް ފަރިތަ ޖުމްލައެއް. މިކަމަށް ސަމާލުކަން ދިނީތީ ޝުކުރިއްޔާ،" ޓްރަމްޕްގެ ބައިސާ ނަކަލުކުރަށްވަމުން މަލާމާތުގެ ރާގެއްގައި ޒުލްފަޤާރީ ވިދާޅުވެފައިވެފަވެއެވެ.
މި ބަހުގެ ހަމަލާއަކީ 48 ގަޑިއިރުގެ ތެރޭގައި އީރާނުން "އެއްވެސް ބިރުވެރިކަމެއް ނެތި، ފުރިހަމައަށް" ހޮރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ، އީރާނުގެ އެންމެ ބޮޑެތި އިންޖީނުގެތަކަށް ހަމަލާދީ ސުންނާފަތިކޮށްލާނެ ކަމަށް ޓްރަމްޕް ދެއްވި އިންޒާރަށް ދެއްވި ސީދާ ރައްދެކެވެ.
"ހަކަތައަށް ހަކަތަ" އުސޫލުން ބަދަލުހިފުމުގެ އިންޒާރު
މަލާމާތުގެ އިތުރުން، އީރާނުގެ އަސްކަރިއްޔާއިން ވަނީ "ހަކަތައަށް ހަކަތަ"ގެ ނަމުގައި ސާފު އުސޫލެއް ކަނޑައަޅާފައެވެ. ޒުލްފަޤާރީ އިންޒާރު ދެއްވި ގޮތުގައި، އީރާނުގެ އިންޖީނުގެތަކަށް ދޭ ކޮންމެ ހަމަލާއަކަށް، ގަލްފް ސަރަހައްދުގައި ހުރި އެމެރިކާއާ ގުޅުންހުރި ހަކަތައިގެ ވަސީލަތްތަކާއި، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ފެން ސާފުކުރާ ޕްލާންޓްތަކަށް ވަގުތުން ހަމަލާދޭނެއެވެ.
މި ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު މިހާރުވެސް ވަނީ ތާރީޚީ މިންވަރަކަށް އުފުލިފައެވެ. މާހިރުން ލަފާކުރާ ގޮތުގައި، މިރޭ (މާރިޗު 23) ގެ ދަންވަރު މުހުލަތު ހަމަވާއިރު، ހިއްސާގެ ބާޒާރަށް "ކަޅު ހޯމަ" އެއް އައުން އެކަށީގެންވެއެވެ. ފެން ސާފުކުރާ ޕްލާންޓްތަކަށް އަމާޒުކުރުމަކީ މި ކުރިމަތިލުން ބޮޑު އިންސާނީ ކާރިސާއަކަށް ބަދަލުވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
އިންސާނީ ކަންބޮޑުވުންތަކާއި ބައިނަލްއަޤްވާމީ ރައްދު
އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އާންމު ރައްޔިތުންނަށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ އިންޖީނުގެތަކަށް ހަމަލާދިނުމަކީ ހަނގުރާމައިގެ ކުށަކަށް ވެދާނެ ކަމުގެ އިންޒާރު ދީފައެވެ. މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގޮސްފައިވާ މި ހަނގުރާމައިގައި، މިފަދަ ބަހުގެ ހަމަލާތައް ބޭނުންކުރުމަކީ ހަނގުރާމަ ޖިސްމާނީ މައިދާނެކޭ އެއްވަރަށް ނަފްސާނީ މައިދާނުގައިވެސް ވަރުގަދައަށް ކުރިއަށްދާ ކަމުގެ ހެއްކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!