ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓެއް ގާއިމުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ދެ ގައުމުގެ އެއިރޮނޮޓިކަލް އޮތޯރިޓީތަކުގެ ދެމެދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

Ad
rt

މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން މިއަދު ވިދާޅުވީ، މިއަދުން ފެށިގެން އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެއާލައިންތައް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. މިއީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނިގޮތުގައި، މި އެއްބަސްވުމަކީ ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.