އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އެމެރިކާގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރު ޖޯ ކެންޓް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މި މުއައްސަސާއަކީ ޓެރަރިޒަމްގެ ނުރައްކާތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި ނޭޝަނަލް އިންޓެލިޖެންސްގެ ޑައިރެކްޓަރަށް ލަފާދޭ މައި އިދާރާއެވެ.

Ad
rt

އެކްސްގައި އާންމުކުރެއްވި އިސްތިއުފާގެ ސިޓީގައި ކެންޓް ވިދާޅުވީ، މިހާރު ކުރިއަށްދާ ހަނގުރާމައަށް ތާއީދުކުރުމަކީ އޭނާގެ ޟަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"އީރާނަކީ އަޅުގަނޑުމެންގެ ގައުމަށް އޮތް ކުއްލި ނުރައްކަލެއް ނޫން. އަދި މި ހަނގުރާމަ ފެށީ އިޒްރޭލާއި އެމެރިކާގައި އޮންނަ އިޒްރޭލުގެ ނުފޫޒުގަދަ ލޮބީ ގްރޫޕްތަކުގެ މަޖުބޫރުކުރުމާ ހުރެކަން ވަރަށް ސާފު،" އޭނާ ލިޔުއްވާފައިވެއެވެ.

ބޭރު ގައުމުތަކުގައި އެމެރިކާއިން ކުރާ ހަނގުރާމަތައް ހުއްޓާލުމަށް ޓްރަމްޕް މީގެ ކުރިން ވެވަޑައިގެންފައިވާ ވައުދުތަކަށް އިޝާރާތް ކުރައްވައި ކެންޓް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަތަކަކީ އެމެރިކާގެ ގައުމީ ބަތަލުންގެ އަގުހުރި ފުރާނަތައް ގެއްލި، ގައުމުގެ މުއްސަނދިކަމާއި ތަނަވަސްކަން ނެތިގެންދާ "މަޅިއެއް" ކަން ރައީސް ޓްރަމްޕަށް ކުރިން ވިސްނިވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ހަމަލާދޭން ފެށި ފަހުން، މިއީ ޓްރަމްޕްގެ ސަރުކާރުގެ މަތީ ފަންތީގެ މަގާމަކުން މީހަކު އިސްތިއުފާ ދިން އެންމެ ފާހަގަކޮށްލެވޭ ފަހަރެވެ. ކެންޓް އޭނާގެ ސިޓީގައި ބޭނުންކުރެއްވި "ކުއްލި ނުރައްކާ" މި ލަފްޒަކީ ގާނޫނީ ގޮތުން ވަރަށް ބޮޑު މާނައެއް އެކުލެވޭ ބަހެކެވެ.

އެމެރިކާގެ ގާނޫނު ބުނާގޮތުން، ކޮންގްރެސްގެ ހުއްދައާ ނުލައި ރައީސަކަށް އަސްކަރީ ހަމަލާއެއް ދެވޭނީ "ކުއްލި ނުރައްކަލެއް" ކުރިމަތިވެފައިވާ ހާލަތެއްގައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މިނިވަން ދައުލަތްތަކަށް ހަމަލާދިނުމުގައި ވެސް މިއީ މުހިންމު އަސާސެކެވެ.

މި އިސްތިއުފާއާ ގުޅިގެން ޓްރަމްޕް ވަނީ ކެންޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކެންޓަކީ ސަލާމަތީ ކަންކަމުގައި އަބަދުވެސް "ބަލިކަށި" މީހެއް ކަމަށް އޭނާއަށް ހީވާ ކަމަށާއި، ކެންޓަކީ އޭނާ އެހާ ރަނގަޅަށް ދަންނަ މީހެއް ނޫން ކަމަށެވެ.

"އޭނާ ވަކިވުމަކީ ރަނގަޅު ކަމެއް. އީރާނަކީ ނުރައްކަލެއް ނޫން ކަމަށް އޭނާ ބުނާއިރު، ކޮންމެ ގައުމަކަށް ވެސް އީރާނަކީ ކިހާ ބޮޑު ނުރައްކަލެއްކަން އެނގޭ،" ޓްރަމްޕް ވިދާޅުވިއެވެ.

ކެންޓަކީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންތިޚާބުގައި ނާކާމިޔާބުވި ނަމަވެސް، ޓްރަމްޕް ތާއީދުކުރައްވައި އެ މަގާމަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާއަކީ އެމެރިކާގެ އަސްކަރިއްޔާގެ އާމީ ރޭންޖަރެއްގެ ގޮތުގައި މެދުއިރުމަތީގެ 11 ހަނގުރާމައެއްގައި ބައިވެރިވެފައިވާ ތަޖުރިބާކާރެކެވެ. އޭނާގެ އަންހެނުން 2019 ވަނަ އަހަރު ސީރިއާގައި މަރުވީ އައި.އެސް ގެ ޖަމާއަތަކުން ދިން އަމިއްލައަށް މަރުވުމުގެ ހަމަލާއެއްގައެވެ.

އިސްތިއުފާގެ ސިޓީގައި އޭނާގެ އަންހެނުންގެ މަރަށް އިޝާރާތް ކުރައްވައި ކެންޓް ވިދާޅުވީ، އޭނާގެ އަންހެނުން މަރުވީ "އިޒްރޭލުން އުފެއްދި" ހަނގުރާމައެއްގައި ކަމަށެވެ. "އެމެރިކާގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް، އަދި އެތައް ބައެއްގެ ފުރާނަ ގެއްލިގެންދާ މިފަދަ ހަނގުރާމައަކަށް އެމެރިކާގެ އަންނަން އޮތް ޖީލު ފޮނުވުމަށް އަޅުގަނޑަށް ތާއީދެއް ނުކުރެވޭނެ،" އޭނާ ލިޔުއްވާފައިވެއެވެ.

ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެމެރިކާގެ 13 ސިފައިން މަރުވެފައިވާއިރު، އީރާނުން 1,444 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ގަލްފް ސަރަހައްދުން 20 މީހުންނާއި އިޒްރޭލުން 15 މީހުން މަރުވެފައިވެއެވެ.

ނޭޝަނަލް އިންޓެލިޖެންސްގެ ޑައިރެކްޓަރު ތުލްސީ ގެއްބާޑް، މިދިޔަ ޖުލައި މަހު ކެންޓަށް ތައުރީފު ކުރައްވަމުން ވިދާޅުވީ، އޭނާއަކީ އަމިއްލަ އެދުމަށްވުރެ ގައުމު އިސްކުރާ، ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ބޭފުޅެއް ކަމަށެވެ.