ފެހި ޤާނޫނުއަސާސީގެ މަސައްކަތް ކުރެވެމުން އައި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތިން ހުށަހެޅުމެއް ހުށަހަޅުނުކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ހަނދާން އައުކޮށްދެއްވައިފިއެވެ.
ނާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދުލިބި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން ޚާއްޞަ މަޖިލީހަށް ހުށަހެޅުނު އިޞްލާޙުތަކުގެ ތަފްސީލް ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ، އެއީ މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙެއް ކަމަށެވެ.
މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙްގައި ބުނެފައި ވަނީ: ''ދެން އެންމެ އަވަހަށް އޮންނަ ރިޔަސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނީ އެކުއެކީގައެވެ. މި ދެ އިންތިޚާބު އެކުއެކީގައި ބާއްވާނީ ޤާނޫނުއަސާސީ އަށް ޢަމަލުކުރަންފަށާތާ ހަ މަސް ދުވަހާއި އަށް މަސް ދުވަހާއި ދޭތެރޭގައެވެ.''
މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިޞްލާޙްގައި ބުނެފައި ވަނީ: ''ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ދެން އޮންނަ ރިޔާސީ އިންތިޚާބާއި ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވަން ވާނެއެވެ.''
މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙްގައި ބުނެފައި ވަނީ: ''މި ޤާނޫނުއަސާސީ އަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހާއި 8 މަސް ދުވަހުގެ ތެރޭ ދެން އޮންނަ ރިޔާސީ އިންތިޚާބާއި ދެން އޮންނަ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބާއްވަން ވާނެއެވެ.''
ިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަހުސްކުރެވިފައިވެއެވެ. އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދުލިބި، އެ މަޖިލީހުން އެކަމަށް… pic.twitter.com/2GZ0sgvdhw
— Ahmed Nazim (@MP4Dhiggaru) March 10, 2026
މި ތާރީޚީ ހަގީގަތްތައް ނާޒިމް ހަނދާން އައުކޮށްދެއްވާފައި މިވަނީ، ރާއްޖޭގައި ބާއްވާ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ސިޔާސީ މައިދާނުގައި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. މި ދެ އިންތިޚާބު އެއްކޮށް ބާއްވަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ނަގާނެއެވެ.
ޚާއްޞަ މަޖިލީހުގައި މިކަމުގެ ބަހުސް ހިންގާފައިވުމުން އެނގިގެންދަނީ މިކަމަކީ ޤާނޫނުއަސާސީ އެކުލަވާލި އިރުވެސް މެންބަރުންގެ މެދުގައި މަޝްވަރާކުރެވި، ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!