އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިޔާއަށް އެތެރެވުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

ސައުދީ އަރަބިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިގޮތައް ނިންމާފައިވަނީ ކޮވިޑް-19 (ކޮރޯނާވައިރަސް) ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން ދާތީކަމަށް އަދި އަރަބި ބައްރަށްވެސް އެވައިރަހުގެ އަސަރު ފޯރާފައިވާތީކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad
rt

ސައުދީގެ ފޮރިން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައްކާގެ އިތުރުން މަދީނާއަށް ދަތުރުކުރުންވެސް މިވަގުތަށް މެދުކަނޑާލާފައިވާކަމަށާއި ކޮވިޑް-19 ވައިރަސް ފެތުރިފައިވާ ގައުމުތަކުން އަންނަ މީހުންނަށް އޮންއަރައިވަލް ވިސާ ނުދޭން ނިންމާފައިވާކަމަށެވެ. އަދި ސައުދީގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށްވެސް އެދިފައިވެއެވެ.

ސައުދީއިން މިގޮތަށް ނިންމާފައިމިވަނީ ކޮވިޑް-19 އީރާނާއި އިޓަލީވިލާތުން ފެނުނު ފަހުން އެދެގައުމުގެ އަވައްޓެރި ގައުމުތަކަށް ބަލި ފެތުރުން ވަރަށް ބޮޑަށް އިތުރުވެ، ބިރުވެރިކަން އިތުރުވާން ފަށާއިފަނިކޮންނެވެ.

އިއްޔެ ޔޫރަޕާއި، މެދުއިރުމަތި، އަދި ދެކުނު އޭޝިއާ އާއި އުތުރު އެމެރިކާ އިން ވެސް ވަނީ ބައްޔަށް އިތުރު މީހުން ޕޮޒިޓިވް ވެފައެވެ. އުތުރު އެމެރިކާ ބައްރުގައި ހިމެނޭ ބްރެޒިލް އިން އިއްޔެ ވަނީ ކޮވިޑް-19 ފެނިފައެވެ. ދެކުނު އޭޝިއާގެ ޕާކިސްތާނުން ބަލި ފެނިފައި ވާއިރު އިޓަލީވިލާތާއި އީރާންގައި ހަލުވިކަމާއި އެކު ބަލި ދަނީ ފެތުރެމުންނެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ ދުނިޔެ ބޮޑު ރޯގާއަކަށް ތައްޔާރުވާން ޖެހިފައިވާ ކަމަށާއި މިއީ ބޮޑު ރޯގާއަކަށް ތައްޔާރުވުމުގެ ވަގުތުކަމަށް ބަލައިގެން ހަރުދަނާ ފިޔަވަޅުތަކެއް ހުރިހާ ގައުމަކުން ވެސް އަޅަމުން ގެންދަން ޖެހޭ ކަމަށެވެ.