އޮންލައިން ފާހިޝް މަންޒަރުތަކާއި، ސައިބަރ ބުލީކުރުމާއި، އޮންލައިން މަކަރާއި ހީލަތް އަދި އިންޓަނެޓަށް ދެވިހިފުމުގެ ނުރައްކާ އޮތްކަމަށް ބުނެ، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނެކަމަށް އިންޑޮނޭޝިއާ ސަރުކާރުން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ.
މިއީ ޑިޖިޓަލް މާހައުލުގައި އުމުރާ ގުޅޭގޮތަށް ބޭނުންކުރުން ހަނިކުރުމުގެ ފިޔަވަޅު އެޅި ހުޅަނގުގެ ނޫން ފުރަތަމަ ގައުމު ކަމަށް އެ ގައުމުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމިއުނިކޭޝަންސް މިނިސްޓަރު މިއުޓިއާ ހާފިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނުރައްކާ ބޮޑު ޕްލެޓްފޯމްތަކުގައި ތިބި 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް އުވާލަން ފަށާނެ ކަމަށެވެ. މީގެ ތެރޭގައި ޔޫޓިއުބް، ޓިކްޓޮކް، ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް، އެކްސް، ބީގޯ ލައިވް އަދި ރޮބްލޮކްސް ފަދަ މަގުބޫލު އެޕްލިކޭޝަންތައް ހިމެނެއެވެ.
މި އައު ގަވާއިދަށް އަމަލުކުރަން ފަށާނީ 28 މާރިޗު 2026 ގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، "އަލްގޮރިދަމްގެ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް މައިންބަފައިން އެކަނި ހަނގުރާމަކުރަން ނުޖެހޭނެ ގޮތް ހެދުމަށް ސަރުކާރުން މިވަނީ އިސްނަގާފައި" ކަމަށެވެ. މި މަނާކުރުން ކުރިއަށްދާނީ ހުރިހާ ޕްލެޓްފޯމްތަކަކުން އަމަލުކުރަންޖެހޭ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބަންދެން އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ.
މި ފިޔަވަޅު އަޅަންޖެހުނު ސަބަބުތަކުގެ ތެރޭގައި ކުދިންނަށް ކުރިމަތިވާ ނުރައްކާތައް އިތުރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނެއެވެ. މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މިއީ "ޑިޖިޓަލް ކުއްލި ނުރައްކަލުގެ ހާލަތެއްގައި" ސަރުކާރަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅެވެ. އަދި އަމާޒަކީ ޓެކްނޮލޮޖީއަކީ އިންސާނިއްޔަތަށް ފައިދާހުރި އެއްޗަކަށް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޓަނެޓް ބޭނުންކުރާ އެތައް މިލިއަން ކުދިންނެއް ތިބުމާއެކު، މި ގަވާއިދު ތަންފީޒުކުރުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ޔުނިވަރސިޓާސް އިންޑޮނޭޝިއާގެ މާހިރު ބިމަންޓޯރޯ ކުޝާރީ ޕްރަމޯނޯ ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހުންނަ ގޮތުން އުމުރަށް ބަލައިގެން ހަނިކުރުންތައް ތަންފީޒުކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ.
ނަމަވެސް، ކުދިން ރައްކާތެރިކުރުމުގެ ޒިންމާ އަދާނުކުރާ ޕްލެޓްފޯމްތަކަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފައެވެ. މި ގަވާއިދުގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ކުންފުނިތައް ޒިންމާދާރުކުރުވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!