ރ. އުނގޫފާރު ރައްޔިތުން އެކިކަހަލަ މަސައްކަތް ކުރަން، އެ ރަށާއި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮންނަ ރ. އުނގުލު ހަމަޖައްސައިދީފި އެވެ.
މީގެ އިތުރުން ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ވެސް ރައީސް ވަނީ ހަމަޖައްސައިދީފަ އެވެ.
ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ހއ. ވަށަފަރު ރައްޔިތުންގެ އެދުމުގެ މަތިން ނެވެ.
މި ފަޅު ރަށްތައް މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސުގެ ތެރެގައި ހިމެނުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނެވެ.
މި ޤަރާރުތައް އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައިވަނީ ޝާއިއުކޮށްފަ އެެވެ.
އުނގޫފާރުގެ ތަރައްގީއަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުމުގެ ގޮތުން އުނގުލު ހޯދައިދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވީ އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި 2024 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!