އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ދޭ އެއްވެސް އަސްކަރީ ހަމަލާއެއްގައި ބައިވެރިނުވާނެކަން ޖަރުމަނުން ކަށަވަރުކޮށްދީފިއެވެ.

ޚާރިޖީ ވަޒީރު ޔޯހަން ވަޑެފުލް ހޯމަ ދުވަހު ވިދާޅުވީ، ތެހެރާންގެ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލް ގާބިލުކަން ނައްތާލުމަށް ވޮޝިންޓަނާއި ތެލް އަވީވުން ކުރާ މަސައްކަތަށް ބާލިންއިން ތާއީދުކުރި ނަމަވެސް، އަމަލީ ގޮތުން އެއްވެސް ހަމަލާއެއްގައި ބައިވެރިނުވާނެ ކަމަށެވެ.

Ad
rt

ދައުލަތުގެ ބްރޯޑްކާސްޓަރު 'ޑޮއިޗްލަންޑްފަންކް' އަށް ދެއްވި އިންޓަވިއުއެއްގައި ވަޑެފުލް ވިދާޅުވީ، ޔޫރަޕްގެ ބައިވެރިން ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ ގުޅިގެން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ދިފާއީ ގޮތުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅާނީ ކޮންމެ ގައުމަކުން އަމިއްލައަށް ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ މެދުގައި އޮތް ތަފާތު ވިސްނުންތައް

ވަޑެފުލް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއަށް އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ.

"ނަމަވެސް އެ ސަރަހައްދުގައި އަޅުގަނޑުމެންގެ އެފަދަ މަރުކަޒުތަކެއް ނެތް ފަދައިން، އެކަށީގެންވާ އަސްކަރީ ވަސީލަތްތަކެއް ވެސް ނެތް. އެއްވެސް ސިފައެއްގައި މިކަމުގައި ބައިވެރިވުމުގެ ގަސްތެއް ޖަރުމަނު ސަރުކާރުގެ ނެތް"އޭނާ ވިދާޅުވެފަވެއެވެ.

މި ބަޔާނަކީ، އީރާނުގެ އެންމެ މަތީ ވެރިޔާ އަޔާތުﷲ އަލީ ޚާމަނާއީ ހިމެނޭހެން އެ ގައުމުގެ އިސް ލީޑަރުންތަކެއް ޝަހީދުވި، ހޮނިހިރު ދުވަހުގެ އެމެރިކާ-އިސްރާއީލް ހަމަލާތަކަށްފަހު މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި ބާލިންގެ ތަވައްކަލު ސާފުކޮށްދިނުމަށް ދިން ބަޔާނެކެވެ.

އީ-3ގެ ގުޅުން

ޔޫރަޕްގެ ތިން ބާރު ކަމަށްވާ 'އީ-3' ގައުމުތަކުން އާދީއްތަ ދުވަހުގެ ރޭ ނެރުނު ގުޅިފައިވާ ބަޔާނެއްގައި، އީރާނުން މިސައިލާއި ޑްރޯން ފޮނުވާ މަސްދަރުތައް ނައްތާލުމަށްޓަކައި "ޒަރޫރީ އަދި އެކަށީގެންވާ ދިފާއީ ފިޔަވަޅުތައް" އެޅުމަށް ތައްޔާރަށް ތިބިކަން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް، ހަމަލާދިނުމުގެ އޮޕަރޭޝަންތަކުގައި ބައިވެރިވުމަށް ޖަރުމަނުން ސާފުކޮށް އިންކާރުކުރުމުން އެނގިގެންދަނީ، ވޮޝިންޓަނާއި ސަރަހައްދީ ބައިވެރިންނާއެކު ސިޔާސީ ގޮތުން ގުޅިގެން މަސައްކަތް ކުރި ނަމަވެސް، ޔޫރަޕްގެ އަސްކަރީ ބައިވެރިވުމަށް އޮތް ހުރަސްތަކެވެ.