ބޭންކް އޮފް މޯލްޑިވްސް (ބިއެމްއެލް) އަށް 2025 ވަނަ އަހަރު ލިބުނު މާލީ ބޮޑު ކުރިއެރުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ރުފިޔާ ބެހުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

މިއީ ބިއެމްއެލްގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދެވެ.

Ad
rt

ބޯޑުގެ މި ނިންމުމާއެކު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322,915,200 (ތިންސަތޭކަ ބާވީސް މިލިއަން، ނުވަލައްކަ ފަނަރަހާސް، ދުއިސައްތަ) ރުފިޔާ ބެހުމަށް ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެއެވެ. ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ ފައިނަލް އަދަދު ކަނޑައަޅާނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުންގެ ވޯޓުންނެވެ.

މީގެ އިތުރުން، ބޭންކުގެ މިހާރުގެ ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށްވެސް ބޯޑުން ވަނީ ހުށަހަޅާފައެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ ބުކް ވެލިއު 1015.90 ރުފިޔާއަށް އަރާނެއެވެ. އެހެންކަމުން، މިއަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80 ރުފިޔާގެ ނަފާއެއް ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

ބޯނަސް ހިއްސާ ދޫކުރުމަށް ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކުރުމާއި، ހިއްސާދާރުންނަށް ލިބޭ ނަފާ ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ބޭންކުން ފާހަގަކުރެއެވެ.

ބޯޑުން ހުށަހަޅާފައިވާ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝަރ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީޚާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް އެކަނި ކަމަށް ބިއެމްއެލް އިން މައުލޫމާތު ދެއެވެ.