މެކްސިކޯގެ ސަލާމަތީ ބާރުތަކާއި އެ ގައުމުގެ އެންމެ ނުރައްކާތެރި އެއް ޑްރަގް ކާޓެލް ކަމަށްވާ "ކާޓެލް ޖަލިސްކޯ ނުއެވާ ޖެނެރޭޝަން" (ސީޖޭއެންޖީ) އާ ދެމެދު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި މެކްސިކޯގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ކެންސަލްކުރުމަށް ނުވަތަ އެހެން ގައުމަކަށް ބަދަލުކުރުމަށް ގޮވާލާ އަޑުތައް ގަދަވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ނުތަނަވަސްކަން އުފެދުނީ މި ހިނގާ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު، ސީ.ޖޭ.އެން.ޖީގެ ލީޑަރު ނެމެސިއޯ "އެލް މެންޗޯ" އޮސެގުއޭރާ ސަރވަންޓޭސް މެކްސިކޯގެ އަސްކަރިއްޔާއިން މަރާލުމާ ގުޅިގެންނެވެ. އެމެރިކާގެ އިންޓެލިޖެންސް އެހީތެރިކަމާއެކު ހިންގި މި އޮޕަރޭޝަނަށްފަހު، ކާޓެލްގެ މެންބަރުން ދަނީ މެކްސިކޯގެ އެކި ސަރަހައްދުތަކުގައި ބަދަލުހިފުމުގެ ގޮތުން ނުރައްކާތެރި ހަމަލާތަކެއް ދެމުންނެވެ.
މިގޮތުން، އުޅަނދުތަކުގައި އަލިފާން ރޯކޮށްގެން މަގުތައް ބަންދުކުރުމާއި (ނާކޯބްލޮކޭއޯސް)، ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ގެއްލުންދިނުމުގެ އިތުރުން، ސަލާމަތީ ބާރުތަކާ ދެމެދު ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދަނީ ބަދަލުކުރެވެމުންނެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް 60 އާއި 70 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަނުޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވޯލްޑް ކަޕް މެޗުތައް ބޭއްވުމަށް ހަމަޖެހިފައިވާ ގުއަޑަލަހާރާ ހިމެނޭ ޖަލިސްކޯ ސްޓޭޓަށެވެ. އެ ސަރަހައްދުގެ ނުރައްކާތެރި ހާލަތުގެ ސަބަބުން މިހާރުވެސް މެކްސިކޯ ލީގުގެ މެޗުތަކާއި ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކޮށް، އެމެރިކާއިން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ތިބުމަށް އަންގާފައެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯގެ ތިން ސިޓީއެއްގައި (ގުއަޑަލަހާރާ، މެކްސިކޯ ސިޓީ، މޮންޓެރޭ) ޖުމްލަ 13 މެޗު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ ތެރޭގައި ސްޕެއިން، އުރުގުއޭ، ކޮލަމްބިއާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުގެ މެޗުތައް ހިމެނެއެވެ. ބައިނަލްއަގުވާމީ މީޑިއާތައް ކަމަށްވާ ބީ.ބީ.ސީ އަދި އަލްޖަޒީރާ ފަދަ ވަސީލަތްތަކުން ފާހަގަކުރާ ގޮތުގައި، މިހާރު އޮތް ހާލަތުގެ ސަބަބުން ކުޅުންތެރިންނާއި ސަޕޯޓަރުންގެ ސަލާމަތްތެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ގޮވާލަމުންދަނީ މެކްސިކޯގެ މެޗުތައް އެމެރިކާ ނުވަތަ ކެނެޑާއަށް ބަދަލުކުރުމަށެވެ. ފީފާއިން މި ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ސަލާމަތީ ސަބަބުތަކަށްޓަކައި މެޗުތައް ބަދަލުކުރުމުގެ އިޚްތިޔާރު ފީފާއަށް ލިބިގެންވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ. ނަމަވެސް، ފީފާއިން މިހާތަނަށް މެޗުތައް ބަދަލުކުރުމާ ބެހޭ އެއްވެސް ރަސްމީ ނިންމުމެއް ނިންމާފައެއް ނުވެއެވެ.
މެކްސިކޯ ސަރުކާރުން ދަނީ އެތައް ހާސް ސިފައިންނެއް ނެރެ، އަމަންއަމާންކަން ގާއިމުކުރުމަށް މަސައްކަތް ކުރަމުންނެވެ. މި މައްސަލައިގައި ފަހުގެ ނިންމުމެއް ނިންމާނީ ކުރިއަށް އޮތް ދުވަސްތަކުގައި މެކްސިކޯގެ ހާލަތު ރަނގަޅުވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!