ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ތުރުކީއާ އެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ދިޔައީ ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް ހެލްތު ޕްރޮފެސަރ ޑރ. ކެމާލް މެމިޝޯލު އާ މިއަދު ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ނެވެ.

Ad
rt

މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ހެލްތު މިނިސްޓްރީގެ މައި އޮފީހުގައެވެ. ހާރިޖިއްޔާއިން ބުނީ މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދެވިދާނެ ގޮތްތަކާމެދު ސަފީރު ޢަބްދުއްރަޙީމް އާއި ތުރުކީގެ ހެލްތު މިނިސްޓަރު ޕްރޮފެސަރ މެމިޝޯލު މަޝްވަރާކުރައްވާފައި ވާކަމަށެވެ.

މީގެއިތުރުން، ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވާ އެހީތެރިކަމަށް ސަފީރު ޢަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ތުރުކިޔޭގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި މޯލްޑިވްސް–ތުރުކިޔޭ އިންޓަރޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ ޗެއަރޕަރސަން ޑޮކްޓަރ އުއްމުގުލްޝެން އޮޒްޓަރކް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ ފަސްޓް ސެކްރެޓަރީ އަލްފާޟިލާ އާމިނަތު ޝަޒްލީ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.