އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގައި ވެސް އިންސާފަށް ލޯބިކުރާ ރައްޔިތުން އެބަ ތިބިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި މާފަންނުގެ ދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ނާއިބު ރައީސް ވިދާޅުވީ ޑިމޮކްރަސީއެއްގައި ސަރުކާރު ޒިންމާދާރު ކުރުވުމަކީ މުހިންމު ކަމެއްކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއިއެކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ބެލީ އިންތިހާބީ ރައީސް އަޒަލުކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަޝިޕުން ކެންޑިޑޭޓުން ގޮވައިގެން ނުކުމެ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން، މިހާރު ކުރާހާވެސް ކަމަކީ ސަރުކާރުން ކުރަމުންދާ ރަނގަޅު ކަންކަން ރައްޔިތުންނަށް އޮޅޭގޮތަށް ގޯސް ކަންކަމުގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީގައި ތިއްބެވީ އިންސަފަށް ވެސް ލޯބިކުރައްވާ ރައްޔިތުންތަކެއް. އަޅުގަނޑުމެންނާ އެބޭފުޅުންނާ ވާހަކަ ދެކެވި އެކި މަރުހަލާތަކުގައި ވާހަކަތައް ހިއްސާވެސް ކުރެވޭ. ވަރަށް ވިސްނުން ތޫނު ބޭފުޅުން އެބަ ތިއްބެވި. އެހެން ނަމަވެސް ލީޑަރޝިޕްގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ". ނާއިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓަންޖެހޭ ހާލަތްތަކުގައި އިދިކޮޅު އެމްޑީޕީން އަބަދުވެސް އިސްކުރީ އަމިއްލަ މަސްލަހަތުކަމަށެވެ. އަދުގެ ރައީސަކީ އެމްޑީޕީއާ ހިލާފަށް ރައްޔިތުންގެ ހާލަތު އެނގޭ ރައީސެއްކަމަށާއި ވެރިކަން ކުރައްވާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.