ހދ. މަކުނުދޫއަށް އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދުފުޅު، ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ތަންފީޒުކުރެވިފައި ނުވާތީ އެއީ ކީތްވެގެންތޯ އާއި އަދި އެކިއެކި ތާރީޚްތައް ދެއްވައި އަދިވެސް އެކަން ނުވެ ވަނީ ކީތްވެގެންތޯ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، މިއަދު ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި ސުވާލު ކުރައްވައިފިއެވެ.

މަކުނުދޫގެ ޞިއްޙީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން، މިނިސްޓަރާއި ރާއީ ސުވާލުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ ހާޒިރުކޮށްގެންނެވެ.

Ad
rt

“ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް، މަކުނުދޫއަށް ވެވަޑައިގެންފައިވާ ވައުދުފުޅެއް ކަމުގައިވާ، ރަށުގައި އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރެއް ހަމަޖައްސަވައިދެއްވުމުގެ ވައުދުފުޅު، ވެރިކަމަށް 1 އަހަރު ފުރިގެން ދިޔައިރުވެސް ތަންފީޒުކުރެވިފައި ނުވާތީ އެއީ ކީތްވެގެންތޯ؟ އަދި އެކިއެކި ތާރީޚްތައް ދެއްވައި އަދިވެސް އެކަން ނުވެ ވަނީ ކީތްވެގެންތޯ؟”

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ސުވާލު ކުރައްވަމުން ބުނެފައިވެއެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެރަށަށް ޑޮކްޓަރެއް ނުގެނެވިގެން އުޅެނީ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ.

އެގޮތުން މިހާތަނަށް އައިއިރު މަކުނުދޫ ސިއްހީ މަރުކަޒުގައި ހުރީ އެންމެ ކޮންސަލްޓޭޝަން ރޫމެއް ކަމަށާއި، އިތުރު ޑޮކްޓަރަކު ގެނެވޭނީ ޖާގަ އިތުރުކޮށްގެން ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތުމުގެ ސަބަބުން، މަރުކަޒުގެ އިމާރާތަށް ބަދަލުގެނައުމުގެ ފުރުސަތު ނުލިބުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން، އަންނަ އާދީއްތަ ދުވަހު އެ މަސައްކަތް ރަށު ކައުންސިލާ ހަވާލުކުރެވި، ރާވާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، އެ ހިދުމަތް ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

"ފައިސާ ކަނޑައެޅިފައިވާ މިންވަރުން އެ މަސައްކަތްތައް ކުރުމަށް މިހާރު ނިންމާފައި ވަނީ ކައުންސިލްތައް މެދުވެރިކޮށް. އެހެންވީމަ އާދީއްތަ ދުވަހު އެ މަސައްކަތް ކައުންސިލާ ހަވާލުކުރެވި، އެ ޖާގަ އިތުރު ކުރެވި އެ ވަސީލަތް ގާއިމުކުރެވި ހިދުމަތް ފެށިގެން ދާނެ،"

އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީންގެ މި ޖަވާބާއި ގުޅިގެން މެންބަރު ރާއީ ވަނީ އިތުރު ކަމަކަށްވެސް އެދިލައްވާފައެވެ. އެގޮތުން މަކުނުދޫއަށް އެކްސްރޭ މެޝިން ފޮނުވުން އަވަސްކޮށްދެވުމަށް އަދި މަކުނުދޫ ދާއިރާގެ ޞިއްޙީ ހާލަތު ބައްލަވާލެއްވުމަށް މިނިސްޓަރގެ އަވަސް ދަތުރުފުޅެއް އެ ދާއިރާއަށް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި މިނިސްޓަރ ވަނީ އެފަދަ ދަތުރުފުޅެއް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.