އިންޑިއާގެ އެކި ޔުނިވާސިޓީތަކުގެ ނަމުގައި ވަގު ޑިގްރީ ސެޓުފިކެޓުތައް ތައްޔާރުކޮށް، ބޭރު ގައުމުތަކުން ވަޒީފާ ހޯދަން އުޅޭ މީހުންނަށް އެ ތަކެތި ވިއްކަމުންދިޔަ މައްސަލައެއްގައި އިންޑިއާގެ ސިވަކާސީއަށް ނިސްބަތްވާ ތިން މީހަކު ކެރެލާ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި އިންޑިއާގެ ވިރުދުނަގަރު ޑިސްޓްރިކްޓްގެ ސިވަކާސީން ހައްޔަރުކޮށްފައިވަނީ ޖައިނުލާބިދީން (40 އަހަރު)، ވެންކަޓޭޝް (24 އަހަރު) އަދި އަރަވިންދު ކުމާރު (24 އަހަރު) އެވެ. މި ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ އެކި ޔުނިވާސިޓީތަކުގެ ވަގު ސީލް ބޭނުންކޮށްގެން ސެޓުފިކެޓުތައް އުފައްދައި، ވިޔަފާރި އުސޫލުން އެ ތަކެތި ވިއްކަމުންދިޔަ ކަމުގެ ތުހުމަތެވެ.
މި ބޮޑު އޮޅުވާލުން ފުލުހުންގެ ސަމާލުކަމަށް އައީ، ކެރެލާ އަދި ބެންގަލޫރުގެ ބައެއް ޔުނިވާސިޓީތަކުގެ ނަމުގައި ތައްޔާރުކޮށްފައިވާ ވަގު ސެޓުފިކެޓުތަކެއް ބޭނުންކުރި ބަޔަކު މަލަޕޫރަމް ޑިސްޓްރިކްޓް ފުލުހުން ހައްޔަރުކޮށް، އެ މީހުންނާ ކުރި ސުވާލުތަކުގެ ތެރެއިންނެވެ. ފުލުހުން ހިންގި ހާއްސަ ތަހުގީގުން އެނގުނު ގޮތުގައި، މި ސެޓުފިކެޓުތައް ސިއްރިއްޔާތުގައި ތައްޔާރުކޮށްދެނީ ސިވަކާސީގައި ތިބި ބަޔަކާ ގުޅިގެންނެވެ.
ކެރެލާ ފުލުހުންގެ ޓީމަކުން ސިވަކާސީގައި ފާރަލައިގެން ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ވަގު ސެޓުފިކެޓު އުފެއްދުމަށް ބޭނުންކުރި ކޮމްޕިއުޓަރަކާއި، ގިނަ އަދަދެއްގެ ވަގު ސެޓުފިކެޓުތަކުގެ އިތުރުން ޔުނިވާސިޓީތަކުގެ ސީލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ހައްޔަރުކުރި ތިން މީހުން ކޯޓަށް ހާޒިރުކުރުމަށްފަހު، މައްސަލައިގެ އިތުރު ތަހުގީގަށް މިހާރު ވަނީ ކެރެލާއަށް ގެންގޮސްފައެވެ. އިންޑިއާގެ ފުލުހުން ދަނީ މި ވިއުގަ ފުޅާވެފައިވާ މިންވަރު ބެލުމަށް އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!