ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ތާއީދާއެކުގައެވެ.
މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ.
މި އިސްލާހު ފާސްކުރުމުގެ މަރުހަލާގައި އިދިކޮޅު އެމްޑީޕީގެ ގިނަ މެންބަރުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުންގެ ނަން އިއްވައި ބޭރުކޮށްފައިވާއިރު، ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވެސް ނިންމެވީ ވޯޓުގައި ބައިވެރިނުވުމަށެވެ.
މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމެޓީން ވަނީ ކަމާބެހޭ ފަރާތްތަކުގެ ތެރެއިން ބަންޑާރަ ނައިބާއި، އިލެކްޝަންސް ކޮމިޝަން އަދި ސިޔާސީ ޕާޓީތަކުގެ ލަފާ ހޯދާފައެވެ.
ގާނޫނުއަސާސީއަށް ގެންނަ މި ބަދަލު ތަންފީޒު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ. އެގޮތުން، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ވޯޓު ނެގުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ދެ އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
މި އިސްލާހަކީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ގެނެވޭ ބޮޑު ބަދަލަކަށް ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!