ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅިގެން އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ އިސްތިއުފާ ދެއްވުމަށް ގޮވާލާ އަޑުތައް ގަދަވެފައިވީ ނަމަވެސް، މަގާމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށް އެމަނިކުފާނު ސާފުކޮށް ވިދާޅުވެއްޖެއެވެ.
10 ފެބްރުއަރީ 2026 އާ ހަމައަށް އައިއިރު، ލަންޑަނުގެ ޑައުނިންގް ސްޓްރީޓްގައި އޮތީ ނުހަނު ނުތަނަވަސް މަސްރަހެކެވެ. އަމިއްލަ ޕާޓީގެ އިސް މެންބަރުންނާއި ސިޔާސީ އެކި ފަރާތްތަކުން އިސްތިއުފާއަށް ގޮވަމުންދާއިރު، ބޮޑުވަޒީރު ސްޓާމަރ ހުންނެވީ އެމަނިކުފާނުގެ ނިންމެވުމުގައި ސާބިތުވެވަޑައިގެންނެވެ.
ހޯމަ ދުވަހުގެ ރޭ (9 ފެބްރުއަރީ) ލޭބަރ ޕާޓީގެ މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި ސްޓާމަރ ވިދާޅުވީ، ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކުރި ބުރަ މަސައްކަތަށްފަހު، ރައްޔިތުން ހަވާލުކުރި އަމާނާތާއި މަސްއޫލިއްޔަތުތަކުން ރެކިވަޑައިގެން ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ދޫކޮށްލުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"ޒިންމާތަކާ ދުރަށް ދާކަށް ތައްޔާރެއް ނޫން،" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕްރެޝަރު ބޮޑުވާން ދިމާވި ސަބަބު
މި މައްސަލައަކީ ސީދާ ސްޓާމަރގެ އަމަލުތަކާ ގުޅުންހުރި ކަމެއް ނޫން ނަމަވެސް، 2024 ވަނަ އަހަރު އެމެރިކާގައި ހުންނަވާ ޔޫކޭގެ ސަފީރުގެ މަގާމަށް ޕީޓަރ މެންޑެލްސަން އައްޔަންކުރުމަށް ނިންމެވި ނިންމެވުމާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އެޕްސްޓީންއާ އޮތް ގާތް ގުޅުން ހާމަވުމާ ގުޅިގެން 2025 ސެޕްޓެމްބަރުގައި މެންޑެލްސަން ވަނީ މަގާމުން ވަކިކޮށްފައެވެ.
އެމެރިކާގެ 'އެޕްސްޓީން ފައިލްސް ޓްރާންސްޕޭރެންސީ އެކްޓް' ގެ ދަށުން އާންމުކުރި ލިޔުންތަކުން އެނގޭ ގޮތުގައި، 2008 ގެ މާލީ ކްރައިސިސްގެ ތެރޭގައި މެންޑެލްސަން ވަނީ ޔޫކޭ ސަރުކާރުގެ ނާޒުކު ސިއްރު މައުލޫމާތުތަކެއް އެޕްސްޓީންއަށް ހިއްސާކޮށްފައެވެ. މިކަމާ ގުޅިގެން ސްކޮޓިޝް ލޭބަރ ޕާޓީގެ ލީޑަރު އަނަސް ސަރުވާރު ވެސް ވަނީ ޑައުނިންގް ސްޓްރީޓްގެ ލީޑަރޝިޕަށް ބަދަލެއް އަންނަން ޖެހޭ ކަމަށް ވިދާޅުވެ ފާޅުގައި އަޑުއުފުއްލަވާފައެވެ.
ސަރުކާރުގެ އިސް މަގާމުތަކުން އިސްތިއުފާ ދެއްވުން
ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ސްޓާމަރގެ އެންމެ އިތުބާރު ހުރި ދެ މުޝީރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ މެންޑެލްސަން އައްޔަންކުރަން ލަފާދިން ކަމުގެ ފުރިހަމަ ޒިންމާ ނަންގަވައި އާދީއްތަ ދުވަހު އިސްތިއުފާ ދެއްވި ޗީފް އޮފް ސްޓާފް މޯގަން މެކްސްވީނީ އާއި، އާ ޓީމެއް އެކުލަވާލުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ހޯމަ ދުވަހު އިސްތިއުފާ ދެއްވި ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް ޓިމް އެލަން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!