އިންޑިއާގެ މުމްބާއީގެ ފަގީރު އަވަށްތަކުގެ ކުދިންނަށް ފާރުތަކުގައި ކުރަހައިގެން އުނގަންނައިދިނުމުގައި އާދަޔާޚިލާފު ނަތީޖާއެއް ދެއްކި ޓީޗަރު، ރޫބަލް ނާގީއަށް 1 މިލިއަން ޑޮލަރުގެ 'ގްލޯބަލް ޓީޗަރ ޕްރައިޒް' ލިބިއްޖެއެވެ.

ދުބާއީގައި ކުރިއަށްދިޔަ "ވޯލްޑް ގަވަރްމަންޓްސް ސަމިޓް 2026" ގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މުމްބާއީއަށް ނިސްބަތްވާ އާޓް އަދި ސޯޝަލް ސައިންސް ޓީޗަރެއް ކަމަށްވާ ރޫބަލް ނާގީއަށް މި ޝަރަފުވެރި އެވޯޑް ހަވާލުކޮށްދެއްވީ ދުބާއީގެ ވަލީއަހުދު، ޔޫއޭއީގެ ނައިބު ބޮޑުވަޒީރު އަދި ޑިފެންސް މިނިސްޓަރު ޝައިޚް ހަމްދާން ބިން މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އެވެ. މި ރަސްމިއްޔާތުގައި ޖެމްސް އެޑިއުކޭޝަން އަދި ވަރްކީ ފައުންޑޭޝަންގެ ބާނީ ސަނީ ވަރްކީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ނާގީއަށް މި އެވޯޑް ލިބުނީ 'މިސާލް އިންޑިއާ' އަދި 'ރޫބަލް ނާގީ އާޓް ފައުންޑޭޝަން' މެދުވެރިކޮށް، އިންޑިއާގެ ފަގީރު އަވަށްތަކާއި އެކަހެރި ހިސާބުތަކުގައި ދިރިއުޅޭ ކުދިންނަށް، ކުރެހުމާއި ފަންނުވެރިކަން ބޭނުންކޮށްގެން ތައުލީމު ފޯރުކޮށްދިނުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ 800 އަށްވުރެ ގިނަ އުނގަންނައިދޭ މަރުކަޒުތައް ގާއިމުކޮށް، 600 އެއްހާ ވޮލަންޓިއަރުންނާއި މުސާރަދޭ ޓީޗަރުންގެ އެހީގައި، ރަސްމީ ތައުލީމުގެ ނިޒާމުން ބޭރުވެފައިވާ ކުދިންނަށް އުނގެނުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

އޭނާގެ ކިޔަވައިދިނުމުގެ އުސޫލަކީ މުޅިން ތަފާތު، އާދަޔާޚިލާފު އުސޫލެކެވެ. "ލިވިންގ ވޯލްސް އޮފް ލަރނިންގ" މަޝްރޫއުގެ ދަށުން، އަވަށްތަކުގެ ގޯޅިތަކާއި ގޯތިތަކުގެ ފާރުތަކުގައި ކުރަހާ ކުރެހުންތައް މެދުވެރިކޮށް، މުޅި މުޖުތަމައަށް ފެންނާނެހެން އެ ތަންތަން ވަނީ ދާއިމީ 'ފޮތްތަކަކަށް' ބަދަލުކޮށްފައެވެ. މީގެ ސަބަބުން ކުދިންގެ ކިބައިގައި ދިރިއުޅުމުގެ ހުނަރުތަކާއި، މަސައްކަތްތެރިކަމުގެ ހުނަރުތައް އަށަގަނެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ.

އެވޯޑް ލިބުމަށްފަހު ވާހަކަދައްކަމުން ނާގީ ބުނީ، މިއީ އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މީގެ ސަބަބުން ގިނަ ކުދިންތަކަކަށް ތައުލީމު ފޯރުކޮށްދީ، ހުރަސްތައް ގިރާކޮށް، ކޮންމެ ކުއްޖަކީވެސް ކާމިޔާބު ކުއްޖަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ވަރްކީ ފައުންޑޭޝަނުން ޔުނެސްކޯއާ ގުޅިގެން ދޭ 'ގްލޯބަލް ޓީޗަރ ޕްރައިޒް' އަކީ ކްލާސްރޫމުން ބޭރުގައި މުޖުތަމައަށް ބޮޑެތި ބަދަލުތަކެއް ގެންނަ ޓީޗަރުންގެ އަގުވަޒަންކުރުމަށް ދޭ އެވޯޑެކެވެ. މިއަހަރުގެ އެވޯޑަށް މުޅި ދުނިޔެއިން 100,000 އަށްވުރެ ގިނަ ޓީޗަރުން ނޮމިނޭޓްވިއެވެ. ފާއިތުވި އަހަރު މި އެވޯޑު ހާސިލުކުރީ ސައުދީ އަރަބިއްޔާގެ ޓީޗަރެއް ކަމަށްވާ މަންސޫރު ބިން އަބްދުﷲ އަލް މަންސޫރުއެވެ.