ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ނ. އަތޮޅުގައި ހިންގާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިގޮތުން ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައި ތަރައްޤީކުރާ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫޢުގެ ބިންގާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު އަޅުއްވައިދެއްވައިފައެވެ.

Ad
rt

މިއީ އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 790 މިލިޔަން އެމެރިކާ ޑޮލަރު (12.2 ބިލިޔަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމެންޓެކެވެ.

މި މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ.

މި މަޝްރޫއުގެ އެއް މުހިންމު ސިފައަކީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ތަނުގައި މަދުވެގެން 60% އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރގެ ތެރެއިން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރެވޭނެއެވެ.

މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓުގެ ދަށުން މަތީ ފަންތީގެ ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި، ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްދޭ ތަންތަން ތަރައްގީ ކުރަން ވަނީ ނިންމާފައެވެ.

މި މަޝްރޫޢު ހިންގަން ހުއްދަ ދީފައި ވަނީ 20 މާރިޗު 2025 ގައެވެ.