މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖާ ގުޅުވައިގެން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.
މި ފަހަރުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ކ. މާލެއަށް ނިސްބަތްވާ އަލީ ޝާހިދު އެވެ.
މި ޕްރޮމޯޝަނަކީ ހުޅުމާލޭ ރެހެންދި ޓާފުގައި ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށްދާ ދުވަސްތަކުގައި، އެ ސަރަހައްދުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުން އުރީދޫގެ ހިދުމަތެއް ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ކޮންމެ ހަފްތާއަކުވެސް މި ޕްރޮމޯޝަންގެ ދަށުން އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ކަސްޓްމަރުންނަށް ލިބިގެންދެއެވެ.
ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ގޮތްތައް
އުރީދޫގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަރނެޓް ނުވަތަ 5ޖީ ޑިވައިސްއެއްގެ ހިދުމަތް ޓެންޓުން ހޯދާ ކޮންމެ ކަސްޓަމަރަކަށްވެސް މި ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ދޫކުރާ އިނާމުތަކުގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ އަދި މައިކްރޯވޭވް ފަދަ ގޭތެރެއަށް ބޭނުންތެރި ސާމާނު ހިމެނެއެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަންގެ އެންމެ ހާއްސަ އިނާމެއްގެ ގޮތުގައި ކޮންސިއަރޖް ގްރޫޕްގެ ފަރާތުން މެލޭޝިއާއަށް ދިއުމަށް ދެ މީހެއްގެ ރިޓާން ޓިކެޓް ލިބިގެންދާނެއެވެ. މިއީ މުބާރާތުގެ ފޯރި އިތުރުކޮށް، ކަސްޓްމަރުންނަށް އަގުހުރި ހަދިޔާތަކެއް ދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މުބާރާތް ނިމެންދެން ޕްރޮމޯޝަން ކުރިއަށްދާނެ
އުރީދޫއިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށެވެ. މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި ރެހެންދި ޓާފުގައި ހުންނަ އުރީދޫ ޓެންޓުން ކަސްޓްމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ޓީމެއް ހަރަކާތްތެރިވަމުންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!