ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ޚިދުމަތް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ރަސްމީކޮށް ފަށައިފިއެވެ.
މިއީ މާލެއިން ބޭރުން މި ޚިދުމަތް ފެށި ރާއްޖޭގެ ހަތަރުވަނަ ހޮސްޕިޓަލެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރ. އަތޮޅަކީ ރާއްޖޭގައި ހަތަރުވަނައަށް ކެންސަރު ބަލިމީހުން އެންމެ ގިނަ އަތޮޅެވެ. އެ އަތޮޅުގައި މި ބަލި ތަހައްމަލު ކުރަމުންދާ 58 މީހަކު އެބަތިއްބެވެ. އެހެންކަމުން މި ޚިދުމަތް އުނގޫފާރުގައި ފެށުމަކީ އެ ސަރަހައްދުގެ ބަލިމީހުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ބުނީ ކީމޯގެ ޚިދުމަތް ފެށީ އައިޖީއެމްއެޗުގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ އެހީތެރިކަމާއެކު ނަރުހުން ތަމްރީނުކުރުމަށްފަހު ކަމަށެވެ. މި ޚިދުމަތަށްޓަކައި އެ ހޮސްޕިޓަލުގައި ވަނީ ޚާއްޞަ ކީމޯ ރޫމެއް ޤާއިމުކޮށްފައެވެ. މިތަނުގައި އެއްފަހަރާ ދެ މީހުންނަށް ކީމޯ ސެޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
ހޮސްޕިޓަލުން އިތުރަށް ބުނި ގޮތުގައި، އެތަނުން ކީމޯގެ ފަރުވާ ހޯދަން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މިއީ ކެންސަރު ބަލީގެ ފަރުވާ އަތޮޅުތެރެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
ރާއްޖޭގައި ކެންސަރުގެ ކީމޯ ފަރުވާ އެންމެ ފުރަތަމަ ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. މާލެއިން ބޭރުން އެންމެ ފުރަތަމަ މި ޚިދުމަތް 2020 ވަނަ އަހަރު ފެށީ ޅ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވެސް ވަނީ މި ޚިދުމަތް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!