1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބަހަން މާދަމާ ފަށާއިރު، އެއް އައިޑީކާޑަށް ގިނަވެގެން ނެގޭނީ ދެ މަސްދަޅު ކޭސް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސަރުކާރުން ނިންމާފައިވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާ ކުރުމަށެވެ.
ބެހުމުގެ އިންތިޒާމުތައް
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރޯދަ ހަދިޔާ ބެހުން 24 ޖެނުއަރީ 2026 ގައި މުޅި ރާއްޖޭގައި ފެށޭނެ ކަމަށެވެ. މިގޮތުން ގްރޭޓަރ މާލޭ ސަރަހައްދުގެ 15 ތަނަކުން ހަދިޔާ ދޫކުރާނެ ކަމަށާއި، ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން roadhahadhiya.mv ޕޯޓަލް މެދުވެރިކޮށް ކިއުގައި ނުޖެހި ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ 118,673 މަސްދަޅު ކޭސް މިހާރު ވަނީ ތައްޔާރުކޮށް ނިންމާފައެވެ. ވުޒާރާއިން ބުނީ އެއް އައިޑީކާޑު ބޭނުންކޮށްގެން އެންމެ ގިނަވެގެން ނެގޭނީ ދެ މަސްދަޅު ކޭސް ކަމަށެވެ.
ރައީސްގެ ރަމަޟާން ހަދިޔާ
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކޮންމެ ރަމަޟާން މަހަކު ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހާއްސަ ހަދިޔާއެކެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ވެސް މި ހަދިޔާ ފޯރުކޮށްދިނުމެވެ.
މަސްދަޅު ބެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ލުއިފަސޭހަވާނެ ގޮތަކަށް ބަލައިގެން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ހުރިހާ ގޭބިސީތަކަށް ވެސް ރޯދަ ހަދިޔާ ލިބޭނެ ކަމުގެ ޔަގީންކަން ވުޒާރާއިން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!