ކޮވިޑް-19 ގެ ދުވަސްވަރު ރާއްޖޭގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދީގެން ހޯދި އާމްދަނީގެ މައުލޫމާތު ސިއްރުކޮށް, ގަސްދުގައި ޓެކުހަށް މަކަރު ހެދި ކަމަށް ތުހުމަތުވާ މައްސަލާގައި ޑރ. އަލީ އަބްދުالله ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ މައްޗަށް ދައުވާތަކެއް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ތަހުގީގުކުރި އެ މައްސަލާގައި އެ ދެ ޑޮކްޓަރުންގެ މަސްލަހަތު އޮންނަ އައިލެންޑް ހެލްތް ސޮލިއުޝަންސް އާއި ޕައިނިއާ މޯލްޑިވްސްއިން އާމްދަނީގެ މައުލޫމާތު އޮޅުވާލައި, ޓެކުހަށް މަކަރު ހެދި ކަމަށް މީރާއިން އިއްޔެ ބުނެފައިވެ އެވެ.
އެ މައްސަލާގައި ޑރ. އަލީ ލަތީފްގެ މައްޗަށް ކުރީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ތިން ދައުވާއެއް އަދި އިކްލީލްގެ މައްޗަށް ފަސް ދައުވާއެއް ވަނީ ކޮށްފަ އެވެ. އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް ވެސް އެފަދަ ދައުވާއެއް ކުރުމުގެ އިތުރުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާއެއް ވަނީ އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ކޮށްފަ އެވެ.
އެ މައްސަލާގައި އެ ދެ ކުންފުނީގެ މާލީ ހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ އަލީ ފަޔާޒުގެ މައްޗަށް ވެސް ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ކުށުގެ ފަސް ދައުވާ ކޮށްފައިވެ އެވެ.
މީރާއިން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ އެ ދެ ކުންފުނިން މީރާއަށް ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި އާމްދަނީ ދަށްކޮށް ހުށަހަޅާފައިވާ ކަމަށެވެ.
މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!